އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބައިކް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ، ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ މޭ މަހުގެ 4-5އަށް، ހުޅުމާލޭ ރޭސިންގ ޓްރެކްގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ، އަންނަ ބުދަ ދުވަސް (25 އޭޕްރީލް 2018) ކަމަށް ބައިކް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. ބައިކް މޯލްޑިވްސްގެ އެއް ފައުންޑަރ އަދި ސީއީއޯ އަހްމަދު ހަސަން ދީދީ ސަން ސްޕޯޓްސްއަށް ވިދާޅުވީ، މިފަހަރުގެ މުބާރާތަކީ، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތްކަމަށް ވުމުން، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ފުރުސަތު އޮތް ކަމަށެވެ. "މުބާރާތުގައި އޮންނަ ޓީމް އިވެންޓް ފިޔަވައި ދެން ހަމަ އިންޑިވިޖުއަލްކޮށް ބައިވެރިވާން ބޭނުން ކޮންމެ ކުއްޖަކަށް ވެސް ފުރުސަތު އޮންނާނެ. ކުއްޖާގެ ބެލެނިވެރިޔާ ޖެހޭނީ ސްކޫލަށް ގޮސް ފޯމުގައި ސްކޫލް ތައްގަނޑު ޖަހާލަން،" އަހްމަދު ވިދާޅުވިއެވެ. ބައިކް މޯލްޑިވްސްގެ ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތް ކުރިއަށް ގެންދާނީ، ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. މީގެ އިތުރުން "ފަން" އިވެންޓެއްގެ ގޮތުގައި މުބާރާތް ކުރިއަށް ދާއިރު، 12 އަހަރުން ދަށުގެ ކުދީންނަށް ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ކުރިއަށް ގެންދާ ބައިތައް: ޓީމް ޕަރސުއިޓް: 4000 މީޓަރު 14 އަހަރުން ދަށް: 200 މީޓަރު ޓައިމް ޓްރައަލް 1000 މީޓަރު ސްޕްރިންޓް 5000 މީޓަރު ރޭސް 16 އަހަރުން ދަށް: 200 މީޓަރު ޓައިމް ޓްރައަލް 1000 މީޓަރު ސްޕްރިންޓް 5000 މީޓަރު ރޭސް 10000 މީޓަރު ޑިސްޓެންސް ރައިޑް 18 އަހަރުން ދަށް: 200 މީޓަރު ޓައިމް ޓްރައަލް 1000 މީޓަރު ސްޕްރިންޓް 5000 މީޓަރު ރޭސް 10000 މީޓަރު ޑިސްޓެންސް ރައިޑް 21 އަހަރުން ދަށް: 200 މީޓަރު ޓައިމް ޓްރައަލް 1000 މީޓަރު ސްޕްރިންޓް 5000 މީޓަރު ރޭސް 10000 މީޓަރު ޑިސްޓެންސް ރައިޑް އަހްމަދު ހަސަންދީދީ ވިދާޅުވީ، މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ވެސް ގިނަވެގެން ތިން އިވެންޓެއްގައި ވާދަކުރެވޭނޭ ކަމަށެވެ. ދިރާގު- އިންޓަރ ސްކޫލް ބައިކް ޓޯނަމަންޓް 2018ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގެ، 200 މީޓަރު، 1000 މީޓަރު، 5000 މީޓަރު އަދި 10000 މީޓަރު، މިއިން ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ބާރު ތިން ދުވުންތެރީން ހޮވާނެއެވެ. އަދި ޓީމު އިވެންޓުގައި އެންމެ މޮޅު ސްކޫލްވެސް ހޮވާނެއެވެ. މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ، 9999990 ނުވަތަ 7778693، މި ދެ ނަންބަރަށް ގުޅުއްވުމަށް ބައިކް މޯލްޑިވްސްއިން އެދެއެވެ. އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބައިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުންވެސް ލިބެން ހުންނާނެއެވެ. އިންޓަރ ސްކޫލް ބައިސްކަލް މުބާރާތަށް ބައިވެރީން ތަމްރީނުކުރުމުގެ ގޮތުން ބައިކް މޯލްޑިވްސްއިން ވަނީ ބައިކް ކްލިނިކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރުވެސް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 6:00އިން 7:00އަށް މާލޭ ސިނާއީ ސަރަހައްދުގައި، ބައިސްކަލް ދުއްވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތްވެސް ބައިކް މޯލްޑިވްސް އިން ކުރިއަށް ގެންދެއެވެ. ބައިކް މޯލްޑިވްސް އަކީ، ދުޅަހެޔޮ ސިއްޙަތަކަށް ބައިސްކަލް ދުއްވުން އަށަގެންނެވުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ