ލިބޭ އާމްދަނީއިން ދެކޮޅު ނުޖެއްސޭ ރައްޔިތުން މާލޭގައި އެބަތިބި: އަނަސް

ދިރިއުޅުމަށްޓަަކައި ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސޭ ޢާއިލާތައް، މާލޭގެ ރަށްވެހީންގެ ތެރޭގައި ގިނަ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވެފައިވަނީ ދިވެހި ޗެނަލްއިން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި، މާލެއަށް ނިސްބަތްވާ ރައްޔިތެކޭ ބުނެފިނަމަ، އެއީ ބޮޑު ކުލި ނަގައިގެން، ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހެއް ކަަމަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ.
އެހެންނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއްކަން ފާހަގަކުރައްވައި އަނަސް ވިދާޅުވީ މާލޭގައި ވަރަށް ދަތި ހާލުގައި އުޅޭ މީހުން ގިނަ ކަމަށެވެ. އެފަދަ ފަރާތްތަކަށް ކައުންސިލްގެ ދަށުން ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ، އެބޭފުޅުންނަށް ދެފައި މައްޗަށް ކޮޅަށް ތެދުވެވޭނެ ފުރުޞަތެއް ދިނުން. އާމްދަނީ ވަކި ވަރަކަށް ލިބެންދެން ހަމަޖެހިލައިގެން ދިރިއުޅެވޭނެ ހައުސިން ޔުނިޓްތަކެއް އަޅައިދިނުން، އަޅުގަނޑުމެންގެ އަމާޒަކީ" އަނަސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ފަސް ދުވަހަށް ވެފައިވާއިރު، އެމްޑީޕީން މާލެ ސިޓީއަށް ޚާއްޞަކޮށްގެން ނެރެފައިވާ މެނިފެސްޓޯގައި، ކައުންސިލް ހައުސިންގެ ދަށުން، 3000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ވަޢުދުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ