ލުތުފީ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން އުމަރު އެއްވުމެއް ބާއްވަނީ

1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދައި ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން އުމަރު ނަސީރު އެއްވުމެއް ބާއްވަން ތައްޔާރު ވެއްޖެވެ.
އުމަރު މިހާރު ވަނީ މި އެއްވުން ބޭއްވުމަށް ކާނިވާ ދިނުމަށް ސިޓީއަކުން ޕްލޭނިން މިނިސްޓްރީގައި އެދިފަ އެވެ.
މި އެއްވުން ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ރޭ 9:00 ގައި ކާނިވާގަ އެވެ.
މިދިޔަ މެއި މަހު 01 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ވަނީ ހާޒިރުވެފަ އެވެ.
އޭގެ 68 ދުވަސް ފަހުން ރޭ ސަރުކާރުން ވަނީ ލުތުފީ މާލެ ގެނެސްފަ އެވެ.
ކަރެކްޝަނަލް ސާވިސް އިން ރޭ ވިދާޅުވީ ލުތުފީ ރޭ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިރެއިން ފެށިގެން ގުނަމުންދާ ކަމަށެވެ.
ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ. ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.
ސަރުކާރުން ރޭ ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ