ކެރަފާ ނަސީމާއެކު ލަންކާ ހޮސްޕިޓަލެއްގައި ލުތުފީ ހުރި މައުލޫމާތު ލިބިގެން ފުލުހުން ފޮނުވިއިރު ފިލައިފި: އުމަރު

ތިނެއް ނޮވެމްބަރު 1988 ގައި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްް ކަމަށްވާ ޕްލޮޓް ޖަމާއަތުން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކެރަފާ ނަސީމު އެކުގައި، ލަންކާގެ ނަވަލޮކާ ހޮސްޕިޓަލްގައި ތިއްބެވި ކަމުގެ މައުލުމާތު ލިބިގެން ލަންކާ ފުލުހުންގެ އެހީތެރިކަމާއެކު ފުލުހުން ފޮނުވި ނަމަވެސް ޕޮލިސް ދިޔައިރު ލުތުފީ ފިލާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އޭނާ ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ލުތުފީ ހޯދުމަށް ކުރި މަސައްކަތް ހާމަކޮށް އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ދިގު ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ، އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވިއިރު ލުތުފީ ހޯދުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
އޭގެ ތެެރެއިން ފާހަގަކޮށްލެވޭ ކަންކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވެފައިވަނީ ލުތުފީ ހޯދުމަށް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ސްރީލަންކާގެ މިނިސްޓަރ އޮފް ލޯ އެންޑް އޯޑާ އާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާކޮށް އެކަމުގައި ލަންކާގެ އެހީތެރިކަަމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އަދި ނޭޕާލްގައި ބޭއްވި ސާކު ގައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި ލުތުފީ ހޯދުމާބެހޭ ގޮތުން ލަންކާގެ މިނިސްޓަރާ ވަކިން ބައްދަލުކޮށް ވާހަކަދެއްކެވި ކަމަށާއި، ލަންކާގެ ޕޮލިސްޗީފް އާ ދެމެދު ބޭއްވި ރަސްމީ ބައްދަލުވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާކޮށް ލަންކާ ފުލުހުންގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ނުގެގޮޑާ ގައި ލުތުފީ ދިރިއުޅޭކަމުގެ މައުލޫމާތު ލިބިގެން ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ލަންކާއަށް ފޮނުވައި ފާރަލެވުނު ކަމަށާއި އެ އޮޕަރޭޝަން އެއްމަސް ދުވަހަށް ދެމިގެން ދިޔަކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަދެ ހުރީ ލަންކާ ފުލުހުންނަށް ފިލަން ކަމަށާއި، ލުތުފީ ލަންކާ ފުލުހުންނަށް ފިލައި އޮންނަން ޖެހުނީ އޭނާ ހޯދުމަށް ޓަކައި ރައީސް ޔާމީންގެ ސަރުކާރުން، ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތުދިން ފަރާތަކަށް ހަތްދިހަފަސްހާސް ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހެޅުން ހިމެނެއެވެ. އަދި ފަހުން އެ އިނާމު ދިހަހާސް ޑޮލަރަށް ބޮޑުކޮށް އެ މައުލޫމާތު ލަންކާ ފުލުހުންނަށް ފޯރުކޮށްދިން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ލުތުފީ ދިވެހި އެމްބަސީގައި ފިލައި ހުންނަން ޖެހުނީ އެ އިނާމުގެ ސަބަބުން ކަމަށާއި، ލުތުފީގެ ފޮޓޮއާއި ވަނަވަރު ލަންކާ ފުލުހުންނާއި އާއްމުންގެ އަތުގައި ހުންނާނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ހަމަލާ ދިން އިރު އޭނާއަކީ ސިފައިގެން މީހެއް ކަމަށެވެ.
"އެދުވަހުގެ ހަމަލާ އަޅުގަނޑު ތަޖުރިބާކުރިން، ޝަހީދުވެގެން ވެއްޓިފައި ތިބި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބާ ދުށިން، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެތަންތަނުން ނެގިން، މިހެންވެ އަޅުގަނޑުގެ ވަޒީރު ކަމުގައި ލުތުފީ ހޯދުމަށް ވަރަށްގިނަ މަސައްކަތް ކުރެވުނު. މީހުން މަރައި މީހުންނަށް މަރުގެ އަދަބުދޭން އަޅުގަނޑު ވަކާލާތު ކުރަނީ މިހެންވެގެން. ލުތުފީއަށް މަރުގެ އަދަބު ދެވުނުނަމަ މި ޑްރާމާ މިގޮތަށް ހިނގާކަށް ނުޖެހުނީސް. ޝަހީދުވެގެންދިޔަ 19 ދިވެހިންނަށްް އިނިްސާފު ލިބުނީސް،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ