މުވައްޒަފުންނަށް ޖިންސީ ގޯނާކުރި މާކުރަތު ކޯޓުގެ ގާޒީ ގޭގައި މަޑުކުރަން އަންގައިފި
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ރ.މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ ޢަދުނާން ޙުސައިން، ގޭގައި މަޑުކުރަން ޖުޑީސަލް ސާރވިސް ކޮމިޝަން ޖޭއެސްސީން އަންގައިފިއެވެ.ޖޭއެސްސީން މިގޮތަށް ނިންމެވީ އެ ކޮމިޝަނުން ބޭއްވެވި ބައްދަލުވުމެއްގައެވެ. އަދި އެކަން މިހާރު ވަނީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ ޢަދުނާން ޙުސައިން އަށް އަންގާފައެވެ.ޢަދުނާން ޙުސައިން، ގޭގައި މަޑުކުރަން އަންގާފައިވަނީ، އޭނާގެ މައްޗަށް ޖޭއެސްސީ އިން ބަލަމުންދާ ޝަކުވާގެ ތަޙްޤީޤު ވަކިގޮތަކަށް ނިމެންދެންނެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން ދަނީ މާކުރަތު ކޯޓުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ތަފާތު އެކި ފަހަރު މަތިން އަދުނާން ހުސައިން ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެކެވެ.މާކުރަތު ކޯޓުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް އަދްނާން ޖިންސީ ގޯނާ ކުރާތާ އަށް އަހަރުވެފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ. އަދި އޭނާ އެތަނުގެ އަންހެން މުވައްޒަފަކަށް ލޯބީގެ ވާހަކަތަކެއް ދައްކާ އަޑު އިވޭ އޯޑިއޯއެއް ދާދި ފަހުން ވަނީ ލީކްވެފައެވެ.ޖޭއެސްސީން ވަރަށް ފަހުން ވަނީބައެއް ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ. އެގޮތުން، ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން، އެ ކޮމިޝަނުން ބަލަމުންދާ ޝަކުވާގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް،އެންގުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ނިންމައިފައެވެ.ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނާއި ބޭހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާއިމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ