މައުމޫން، ޖާބިރު އަތުން ނެގި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލަ ޕޮލިހަށް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަތުން ނެންގިވިކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުލިބިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޖާބިރު ފުލުހުންނަށް ހުށެހެޅި ސިޓީ ވަނީ ޓުވީޓާގައި އާންމުކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި އުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އަދި މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައި، އެކަން ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް މައުމޫން, ޖާބިރުގެ އަތުން އިންތިހާބުގެ ކެންޕޭން ދުވަސްވަރު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދިނުމަށް އެދި ޖާބިރުގެ ނަމުގައި މައުމޫނަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް މިދިޔަ ޑިސެންބަރު މަސް ތެރޭގައި މީސް މީޑިއާގައި އާންމުވިއެވެ.
އެ ސިޓީގައި ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރެއްވީ މައުމޫންގެ ހާޒިރުކަމުގައި ވިދާޅުވެ އެކަން ސާބިތުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ކުރިންވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ފައިސާ ދެއްވި ކަމަށް ވިދާޅުވާ ވާހަކަފުޅު މައުމޫންގެ ފަރާތުން ވަނީ ދޮގު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ