މޫސުން ތަން ނުދޭތީ ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެ

މޫސުން ތަން ނުދޭތީ މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގައި ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ މޫސުން ތަން ނުދޭތީ ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދު ނުކުރާނެ ކަމަށެވެ. ނަމަވެސް ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު އޮންނާނެ އެވެ.
އެހެންކަމުން އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒާއެކު ޖުމްލަ 25 މިސްކިތެއްގައި އީދު ނަމާދު ކުރުން އޮންނާނެ އެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަކީ ފަހަކަށް އައިސް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ގިނަ ބަޔަކު ދެއެވެ. އެކަމަކު މިއަހަރުގެ އީދާއި ދިމާކޮށް ރާއްޖެއަށް މިވަނީ ހުޅަނގު މޫސުމުގެ ވިއްސާރައާ ކުރިމަތިވެފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިއްޔެ ބުނީ މިއަދު ހަވީރުން ފެށިގެން 72 ގަޑިއިރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ