އަބްދުﷲ ގާޒީ ބަންދުކުރުމަކީ އަޅުގަނޑުގެ ސަރުކާރަށް ހެދުނު ގޯހެއް: ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކުރުމަކީ އެ މަނިކުފާނުގެ ވެރިކަމުގައި، އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމާއި ބައެއް ވަޒީރުން ހެއްދެވި "ގޯހެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޑެމޮކްރަޓް ޔޫނިއަން (އައިޑީޔޫ)ގެ ޕާޓީ ލީޑަރުންގެ ބައްދަލުވުމަށް ދެކުނު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ އަކީ ކަންކަމުގައި ވަރަށް ފުންކޮށް ވިސްނަވާ ބޭފުޅެއްގެ ގޮތުގައި މިހާރު ދެކެވަޑައިގެންނަވާ ކަމަށެވެ. ޝަރީއަތުގައި އެބޭފުޅާ ނިންމަވާ ނިންމެވުންތަކަށް "ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ ބުއްދިވެރި ކަމެއް ނޫން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ސަރުކާރުގައި ވެސް އަބްދުﷲ މުހައްމަދު ނިންމެވި ނިންމުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އޭރުގެ ދައުލަތުގެ ބައެއް ބޭފުޅުން، ހާއްސަކޮށް އޭރުގެ މިނިސްޓްރީ އޮފް ޑިފެންސުން ދެކެވަޑައިގެންނެވީ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި 22 ދުވަސް ވަންދެން ގިރިފުށީގައި ހައްޔަރުކޮށްގެން އަބްދުﷲ ގާޒީ ގެންގުޅުމަކީ ހެދުނު ގޯހެއް ކަމަށް ނަޝީދު މި ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ފެބްރުއަރީ 8، 2012 ގައި ތިނަދޫގައި ހުޅުޖެހި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްޔެ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށެވެ. ހުޅުޖެހި މައްސަލައިގެ ދައުވާ ލިބޭ 89 މީހުންގެ މައްސަލަ ވެސް ބައްލަވަމުން ގެންދެވީ އަބްދުﷲ ގާޒީ އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް 22 ދުވަސްވަންދެން އޭނާ ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު ނަޝީދުގެ ވެރިކަން ބަދަލުވެ، އަބްދުﷲ ގާޒީ މިނިވަންވި ފަހުން ވެސް، އޭނާ ޝަރީއަތްތައް ކުރިއަށް ގެންދަވާ ގޮތާ މެދު ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ތިނަދޫގައި ހުޅުޖެހި މައްސަލާގައި ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމަށް އަބްދުﷲ ގާޒީ ވިދާޅުވުމުން، ދައުލަތުގެ ވަކީލުން ހެއްކާއެކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ ބާތިލް މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމެވުމުން، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވުމަކީ "މުޅިއަކުން ގާނޫނީ ހަމައެއް ނޫން" ކަމަށް ވިދާޅުވި އެވެ.
"އަބްދުﷲ މުހައްމަދު ނިންމަވާފައި އެ ވަނީ މިއީ ބާތިލް މައްސަލައެއްގެ ގޮތުގައި. ބާތިލް މައްސަލައެއްގެ ގޮތުގައި ނިންމެވީމާ ޕްރޮސިކިއުޓާ ޖެނެރަލް ކުއްލިއަކަށް ނުކުންނަވާފައި އަނެއްކާ ވެސް އަލުން އަނބުރާ ހަމަ ތިބޭފުޅާގެ މޭޒު މައްޗަށް، ދައުލަތުގެ އާރާއި ބާރާ އެކުގައި މި ފޮނުއްވަނީއޭ ވިދާޅުވީމާ އެއީ ގާނޫނީ ނިޒާމަށް އަދި ކޯޓުތަކަށް ހުރުމަތް ނުކުރެވެނީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޯޓުތަކަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނީ ހަމަތައް އަބަދުވެސް ހިފަހައްޓަން ޖެހޭނެ އެވެ. ތިނަދޫ މައްސަލާގައި ޕީޖީ އަމަލުކުރެއްވީ ގާނޫނުތަކަށް އިހްތިރާމް ނުކުރައްވައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށާއި ކޯޓުތަކަށް ގެއްލުން ދީ ހުޅުޖެހި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި މީހުންގެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާތީ އަލުން މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ މުހްތާޒް މުހުސިން ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ 89 މީހަކާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކޮށްފައިވާތީ އެކަން ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ