ބޭނުންވި ފެންވަރުގައި މިނިވަން 50 ފާހަގަކުރެވިއްޖެ: އުމަރު

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ހިންގަން ބޭނުންވި ފެންވަރުގައި އެކަންތައް ކުރެވިއްޖެ ކަމަށް، އެ ހަރަކާތްތައް ރާވައި ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ."ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ މިނިވަން 50 ފާހަގަކުރުމުގެ ހަރަކާތްތަކާ ހަވާލުވެވަޑައިގެން އިރު ވެސް، އެއް ވަނަ ދުނިޔޭގެ ފެންވަރުގައި އެކަން ފާހަގަކުރުމަށް އަޒުމް ކަނޑައެޅުއްވި ކަމަށެވެ.މިނިވަން 50ގެ ފުޅަނދެއްގައި ބައިވެރިވި ބައެއް މީހުން. މިނިވަން 50ގެ ހުރިހާ ހަރަކާތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. --ފޮޓޯ ރައީސް އޮފީސް "މިހާ ހިސާބަށް ރާއްޖޭގައި ނުބޭއްވޭ ވަރުގެ ގައުމީ އިވެންޓަކަށް ވާނެ ކަމަށް ބުނިން އޭރު ވެސް. މިހާ ހިސާބަށް ފާހަގަ ނުކުރެވޭހާ ކުލަ ގަދަކޮށް މިކަން ފާހަގަ ކުރެވިގެން މިދަނީ. އަޅުގަނޑުމެންގެ މުޅި ޓީމުން ވަރަށް ބުރަކޮށް ކުރި މި މަސައްކަތް ކާމިޔާބުކަން މި ފާހަގަވީ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު ވެސް ވަރަށް އުފާވޭ [މި މަސައްކަތް ކުރެވުނު ގޮތާ މެދު]،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވި ގޮތުގައި މިނިވަން 50ގައި ހިންގާނެ ހަރަކާތްތައް ކަނޑައެޅީ ދުނިޔޭގެ އެހެން ގައުުމުތަކުގައި ވެސް މިފަދަ ބޮޑެތި މުނާސަބާތައް ފާހަގަކުރާ ގޮތް ބަލައިގެންނެވެ.މިނިވަން 50 އަށް ސަލްޓަން ޕާކްގައި ތައްޔާރުކުރި ހުޅުދާން ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިނިވަން 50ގެ ހުރިހާ ހަރަކާތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. --ފޮޓޯ ރައީސް އޮފީސް "އެހެން ގައުމުތަކުގައި ވެސް މިފަދަ ކަންކަން ކުރާ ގޮތް ރިސާޗް ކޮށްފައި އެއް ވަނަ ދުނިޔޭގައި މިކަން ކުރާ ފެންވަރަށް ރާއްޖޭގައި ވެސް ކުރަން އަޅުގަނޑު ނުކުތީ. އެ ފެންވަރަށް އަޅުގަނޑަށް ވެސް މިކަން ކުރެވިއްޖެ ކަމަށް ގަބޫލުކުރަން،" އުމަރު ވިދާޅުވި އެވެ.މިނިވަން 50ގެ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމުން، އާންމު ރައްޔިތުން މި ހަރަކާތް ބަލައިގަތީ ހިތްހަމަޖެހުމާ އެކުގައި ކަން އުމަރު ގަބޫލުކުރައްވަ އެވެ. އަދި ރައްޔިތުން ބަލައިގަންނަ ފެންވަރުގައި މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދެވުނީ، ރައީސް ޔާމީން މި ކަމަށް ދެއްވި ބޮޑު ސަމާލުކަމުގެ ސަބަބުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.މިނިވަން 50 އަށް ސަލްޓަން ޕާކްގައި ތައްޔާރުކުރި ހުޅުދާން ބަގީޗާގައި ހުރި ބައެއް ގަސްތައް. މިނިވަން 50ގެ ހުރިހާ ހަރަކާތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. --ފޮޓޯ ރައީސް އޮފީސް "ރައީސް ޔާމީން ވަނީ އަޅުގަނޑަށް ވަރަށް ބޮޑު އޮތޯރިޓީއެއް ދެއްވާފައި މި ކަން ކުރަން ބޭނުންވާ ގޮތަކަށް ކުރުމަށް. އެ އޮތޯރިޓީ ނުދެއްވި ނަމަ މިކަން މިހާ ފުރިހަމައަކަށް ނުދާނެ އަދި ކަންކަން ވަގުތުން ވަގުތަށް ނިންމަން ވެސް ވަރަށް އުނދަގޫވާނެ. އެހެންވީމާ އެ މަނިކުފާނު ބޭނުންފުޅުވި ފެންވަރަށް މިކަން ކުރެވިއްޖެ ކަމަށް ގަބޫލުކުރަން،" އުމަރު ވިދާޅުވި އެވެ.މިނިވަން 50ގެ ހަރަކާތްތަކުގައި ހިމެނޭ ސްކައި ޑައިވްގައި ހިމެނޭ މީހަކު ވައިކުޑައިގައި މާލެ އަށް ފައިބަނީ. މިނިވަން 50ގެ ހުރިހާ ހަރަކާތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. --ފޮޓޯ ރައީސް އޮފީސް ގައުމީ މިފަދަ ހަރަކާތަކަށް މި ފަހުގެ ތާރީޚްގައި ވެސް ނުލިބޭ ވަރުގެ ބޮޑު ތަރުހީބެއް މިނިވަން 50ގެ ހަރަކާތްތަކަށް ލިބުނު ސަބަބުން ބަޔާންކޮށްދެއްވަމުން، އުމަރު ވިދާޅުވި ގޮތުގައި، ދިވެހި ހިތްތަކަކީ ގައުމީ ވިންދު ޖަހާ ހިތްތަކެއް ކަން އެނގެ އެވެ. މިނިވަން 50ގެ ބޮޑެތި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހު ހަރަކާތް ކަމަށްވާ ރަސްމީ ކުޅިވަރުތައް ހުކުރު ދުވަހުގެ ރޭ ބާއްވާ އިރު، އެ ކުޅިވަރުތައް ބެލުމަށް ވެސް ގިނަ ބަޔަކު ނުކުންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ