ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަކީ "ވާތްގެއްނެތް ބޭކާރު އެއްޗެއް" ކަމަށް ސިފަކުރައްވައި، އެ ގާނޫނުގެ ދަށުން ކުށްތައް ސާބިތު ކުރުމުގައި ހުރި ހުރަސްތައް މެމްބަރު މުހަންމަދު ނަޝީދު ތަފްސީލުކޮށްދެއްވައިފި އެވެ.
އެ ގާނޫނުގެ ދަށުން ހާސިލްކުރެވޭނެ ކަމަށް އުންމީދުކުރި ނަތީޖާ ހާސިލް ވެފައިނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އަމިއްލަ ބްލޮގްގައި އޭނާ ލިޔުއްވާފައިވާ ގޮތުން ގޭންގު ކުށްތައް މަނާކުރުމަށް 2010 ވަނަ އަހަރު އުފެއްދި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް މިވީ ދެ އަހަރުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ކުރެވިފައިވަނީ އެންމެ ހަތަރު ދައުވާއެއް ކަމަށެވެ. އެއީ ވެސް ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ދައުވާ ކަމަށާއި އަދި ގާނޫނުގެ އެހެން މާއްދާތަކުގެ ބޭނުންނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެ ގާނޫނު އުފެދުނު ނަމަވެސް ގޭންގްތަކަށް ހުއްޓުމެއް އައިސްފައިނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތަށް އެކަންވުމުގައި ނަޝީދު ވަނީ ސަބަބުތަކެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ގޭންގްތަކާއި އެކަމުގައި އުޅޭ މީހުންނާއި އެ މީހުން ކުރާ ކުށްތައް އެނގުނު ނަމަވެސް އެ ގާނޫނު އޮތްގޮތުން އެ ގާނޫނުގެ ތެރެއަށް އެ މީހުން ގެނެސް އެ މީހުން ހިންގާ މައިގަނޑު ހަރަކާތްތަކަކީ ކުށްކުރުންކަން ސާބިތުކޮށްދިނުން އެހާ ފަސޭހަ ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީ އޮތްގޮތުންނާއި ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނެތުމުން ވަކި ޖަމާއަތަކީ ގޭންގެއް ކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ކަމެއް ކަމަށްވެފައި އެފަދަ ކަމެއް ސާބިތުކޮށްދޭންޖެހޭނީ އެކަށީގެންވާ ވަރުގެ ޝައްކެއް ނެތް މިންވަރަށް ކަމަށްވުމެވެ. އެހެންވުމުން އެގޮތަށް ސާބިތުކޮށްދިނުން އެހާ ފަސޭހަ ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިތުރު ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރައްވާފައިވަނީ ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން މީހަކަށް ދައުވާއެއް ކުރެވެން އަންނަނީ ކުށްކުރި މީހާއަކީ ގޭންގެއްގެ މެންބަރެއްކަން ސާބިތުކޮށްދީގެން ކަމަށް ވެފައި އެހެން ނޫންނަމަ އެ ގާނޫނުގެ ދަށުން މީހަކަށް ކުރެވޭ ދައުވާއެއް ސާބިތުނުކުރެވުމެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި އެ ގާނޫނަކީ "ވާތްގެއްނެތް ބޭކާރު" އެއްޗަކަށް ވެގެންދިޔައީ އެއްފަހަރާ ދެ ކަންތައް ސާބިތުކޮށްދޭން ޖެހުމުންނާއި އެ ދެ ކަންތައް ސާބިތުކޮށްދިނުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށް ވުމުންނެވެ.
އެހެންކަމުން މިހާރު އެ ގާނޫނުގައި ގޭންގްތައް މަނާކޮށްފައި އޮންނަ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަން އެހާ ފަސޭހަ ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އޭރުގެ ސަރުކާރުން ހުށަހެޅި މާނަކުރުން މިހާރު އޮތްގޮތަށް ބަދަލުކުރީ ވެސް މަޖިލީހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަބަބަކީ އެ ނޫން ގޮތަކަށް ގޭންގްތައް މާނަކޮށްފިނަމަ ބައެއް ސިޔާސީ ޕާޓީތަކާއި ގުޅިފައިވާ ސިޔާސީ ބައެއް ހަރަކާތްތެރިންނާއި އެ ގާނޫނުން އަދަބު ދޭން ބޭނުންނުވާ އެހެން ބަޔަކު ވެސް އެ މާނަކުރުމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތަށް ސަންސެޓް ގާނޫނު ވެސް މަޖިލީހުން ފާސްކުރަން ޖެހިލުންވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެ ގާނޫނުން ލިބިދޭ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ސިޔާސީ ވިސްނުމެއްގައި ނަގައިފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެހެންވުމުން ވަކި ބަޔަކަށް ނުރައްކާވެދާނެ ކަމަށް ބަލައި އެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރިކުރީނުންގޮސް ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނު އަމާޒު ކުރެވުނު މީހުންނަށް ވެސް އަދަބު ނުދެވޭ ވަރަށް އެ ގާނޫނު ބަލިކަށިވެ ބޭކާރު އެއްޗަކަށްވެފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
ގޭންގު ކުށާ ބެހޭ ގާނޫނަކީ "ވާތްގެއް ނެތް ބޭކާރު އެއްޗެއް" ކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ