ސެލްފީން އެނގުނު އެއްޗަކީ ރައްޔިތުން އެކުވެރިކަން ބޭނުންކަން: މައުމޫން

އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ އާއި ކިރްގިސްތާން ރޭ ކުޅުނު މެޗުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން ނެންގެވި ސެލްފީން އެނގިވަޑައިގަތީ ރައްޔިތުން ބޭނުން ވަނީ، ސިޔާސީ ކޯޅުން ހުއްޓާލައި އެކުވެރިކަމާ އެކު އުޅުން ކަން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
"މި ސެލްފީން މި ދެއްކި އެއްޗަކީ ރައްޔިތުން ބޮޑަށް ބޭނުންވަނީ އެކުވެރިކަމާ އެކީގައި އެންމެން އުޅޭށޭ. ސިޔާސީ މައްސަލަތައް ހައްލުވެ، އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ރައްޔިތުން އެދޭކަން އަޅުގަނޑުމެންނަށް މި ހާމަވީ،" މައުމޫން "ހަވީރާ" ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވި އެވެ.
ނަޝީދުއާ އެކު މައުމޫން ނެންގެވި ސެލްފީގެ ވާހަކަ ވަނީ ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގެ ރަސްމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ. އަދި އެ ފޮޓޯ އެތައް ބަޔަކު ދަނީ ރިޓްވިޓް ކުރަމުންނެވެ. ބައެއް މީހުންގެ ފޭސް ބުކްގަ އާއި ޓްވިޓާގެ ޕްރޮފައިލް ފޮޓޯއަކަށް ވެސް ވަނީ މައުމޫނާއި ނަޝީދުގެ ސެލްފީ ލައިފަ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ދަނޑުގެ ރޮސްޓްރަމްގައި މެޗް ބައްލަވަން އިންނަވާފައި ނަޝީދުއާ ދެ ބޭފުޅުން ސެލްފީއެއް ނެންގެވީ ކުރިއާ ލައި ރާވައިގެނެއް ނޫނެވެ. އަދި މި ސެލްފީ މިހާ ބޮޑަށް މީޑިއާގައި ހިނގާނެ ކަމަށް ގަބޫލުފުޅު ވެސް ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މެޗް ބަލަން އިނދެފައި އަޅުގަނޑު ހިތަށްއެރީ މިއީ ރަނގަޅު ކަމަކަށް ވެދާނެއޭ. އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެންގެ ގައުމީ ޓީމަށް ލިބޭކަން އަންގައި ދިނުމަށް ސެލްފީއެއް ނެގުން މުހިންމޭ. އެހެން ހިތަށް އަރާފައި އަޅުގަނޑު ނަޝީދަށް ދަންނަވާލީ ސެލްފީއެއް ނަގާލަންތޯއޭ؟ އެހެން ދަންނަވާލީމާ ނަޝީދު ވިދާޅުވީ މައްސަލައެއް ނެތޭ. ސެލްފީ ނެގި ވަގުތު ނަޝީދު އިންނެވީ ވަރަށް ހިނިފުޅުވަޑުވައިގެން. ސެލްފީ ނަގާފައި ދައްކާލީމާ ވިދާޅުވީ ވަރަށް ރީއްޗޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސެލްފީ ނެންގެވުމަށް ފަހު ވަގުތުން ޓްވީޓް ކުރައްވަން މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު ދަނޑުގައި 3ޖީ ނެޓްވޯކް ދަށްކަމުން، އެކަން ނުވި ކަމަށް ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ރޭގެ މެޗް ކުޅެމުން ދިޔައިރު މައުމޫނާއި ނަޝީދު ސެލްފީ ނަންގަވަނީ. "އެހެންވެ އަޅުގަނޑު ގެއަށް އައިސްފައި ޓްވީޓް ކުރީ. އެކަމަކު އަޅުގަނޑު ސެލްފީ ނަގަނިކޮށް އެހެން ބައެއް ބޭފުޅުން ނެންގެވި ފޮޓޯތައް ސޯޝަލް މީޑިއާގައި އުޅުނު. ގެއަށް އައިސް ބަލާލިއިރު އެހެން މީޑިއާތަކުގައި ވެސް އެ ފޮޓޯ އުޅުނު،" އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އާއި ނަޝީދުއާ ތިން ބޭފުޅުން މެޗް ބައްލަވަން ތިއްބެވިއިރު ސިޔާސީ ވާހަކަތަކެއް ނުދައްކަވަ އެވެ. މުޅިން ވެސް ދެއްކެވީ ކުޅިވަރުގެ ވާހަކަތަކެވެ. ތިން ބޭފުޅުންގެ ކުޑައިރުގެ ވާހަކަތަކެވެ.
"ޔާމީނާއި ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުން ކުރިން ފުޓްބޯޅަ އާއި ކްރިކެޓް ކުޅުއްވީމޭ. އަޅުގަނޑު ދެންނެވިން ދެން އަޅުގަނޑެއް ފުޓްބޯޅައެއް ނުކުޅެމޭ. އެކަމަކު ކްރިކެޓް ކުޅުނީމޭ. ދެން ކުޅިވަރުގެ ވާހަކަތަކާއި އެއްބައިވަންތަކަމުގެ ވާހަކަ ބޮޑަށް ދެއްކެވުނީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ތާރީހީ ސެލްފީ ޕްރޮމޯޓް ކުރައްވަން ބޭނުންފުޅުވަނީ "މޯލްޑިވްސް ޔުނައިޓެޑް" ގެ ނަމުގަ އެވެ. އޭގެ ބޭނުމަކީ ވެސް އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ.
"މެންޗަސްޓާ ޔުނައިޓެޑް ވެސް ކިޔައެއް ނޫންތޯ؟ އެ ގޮތަށް މޯލްޑިވްސް ޔުނައިޓެޑް އަޅުގަނޑު ބޭނުން ވަނީ މި ސެލްފީއަށް ކިޔަން،" އެމަނިކުފާނު ވިދާޅުވި އެވެ.
މެޗަށް ފަހު ރައީސް ޔާމީނާއި ރައީސް މައުމޫން އަދި ރައީސް ނަޝީދު ވަނީ، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ހާއްސަ ދުއާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މިއީ އާންމުކޮށް މެޗަށް އަރާއިރުގަ އާއި މެޗް ނިމިގެން، ކުޅުންތެރިންގެ އަޒުމް ވަރުގަދަ ކުރުމުގެ ގޮތުން ކުރާ ދުއާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ