ބަންގާޅު ބަލިކޮށް ޕާކިސްތާން ތަށި އުފުލާލައިފި

ޑާކާ (މާޗް 22) - އޭޝިއާ ކަޕުގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ބަންގާޅު އަތުން ދެ ލަނޑުން މޮޅުވެ މުބާރާތުގެ ތަށި ޕާކިސްތާން އުފުލާލައިފި އެވެ. ބަންގާޅުގައި ކުޅުނު ފައިނަލުގައި ޕާކިސްތާން ފުރަތަމަ ކުޅެންއަރައި ނުވަ ވިކެޓަށް 236 ލަނޑު ހެދި އެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި ސަފްރާޒް އަހުމަދާއި 40 ލަނޑުހެދި މުހައްމަދު ހަފީޒެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ބަންގާޅުގެ އަލް ހަސަނާއި ތަމިމް އިގްބާލްގެ ހާފް ސެންޗަރީތަކާ އެކު ވެސް ބަންގާޅަށް އޯވަރު ހަމަވިއިރު އަށް ވިކެޓަށް ދެވުނީ 234 ލަނޑެވެ. ދެހާސް ވަނަ އަހަރު ވެސް މި މުބަރާތް ކާމިޔާބުކުރި ޕާކިސްތާނުގެ އައިޒަޒް ޗީމާ އިން ތިން ވިކެޓު ހެދިއިރު، އުމަރު ގުލް އާއި ސައީދު އަޖްމާލް ވަނީ ދެ ވިކެޓު ނަގައިފަ އެވެ. މެޗަށް ފަހު ވާހަކަދައްކަމުން ޕާކިސްތާނުގެ ކެޕްޓަން މިސްބާހުލް ހައްގު ބުނީ މިއީ ޕާކިސްތާނަށް ވަރަށް ބޮޑު މޮޅެއް ކަމަށާއި ބަންގާޅުން ވެސް މުބާރާތުގައި ވަރަށް މޮޅަށް ކުޅުނު ކަމަށެވެ. "މިއީ ވަރަށް ބޮޑު މޮޅެއް. ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރި. ބަންގްލަދޭޝްގެ ޓީމުން ވެސް ވަރަށް މޮޅަށް ކުޅުނު. ވަރަށް އާ ޓީމެއް ބަންގްލަދޭޝްގައި އޮތީ. އަސްލު މިއީ އެ ޓީމަށް ކާމިޔާބު މުބާރާތެއް،" މިސްބާހް ބުންޏެވެ. ބަންގާޅުގެ ކެޕްޓަން މުޝްފިގުއް ރަހީމް ބުނީ މި މުބާރާތުން ބަންގާޅަށް ވަރަށް ގިނަ ކަންތައްތައް ހާސިލްވެއްޖެ ކަމަށެވެ. "ހުރިހާ މެޗެއްގައި ވެސް ރަނގަޅު ވާދައެއްކޮށް، އަހަރެމެން މި މުބާރާތުން ވަރަށް ގިނަ ކަންތައްތައް ހާސިލްކުރި. މި މުބާރާތުގައި އަހަރެމެން ވަރަށް މޮޅަށް ކުޅުނު،" ރަހީމް ބުންޏެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ