ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު، އެ ބޭފުޅުން ކޯޓަށް ދެން ވަޑައިނުގަންނަވާނެ ކަމަށް މުއުތަސިމް ވިދާޅުވި: އަޒްމިރަލްދާ
މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރަން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ޚަބަރު ލިބުމާއެކު، އަޒްމިރަލްދާއާއި އެ ކަމަނާއާއެކު ސަސްޕެންޑުރި އަނެއް ދެ ފަނޑިޔާރުން ދެން ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވި ކަމަށް އަޒްމިރަލްދާ މިއަދު ވިދާޅުވެއްޖެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ޖޭއެސްސީއަށް އެންގި ޖިނާއި މައްސަލައަކާ ގުޅިގެން އަޒްމިރަލްދާއާއެކު ސަސްޕެންޑުކުރީ މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާ ކަމަށް ފަހުން ޖޭއެސްސީން ބުނެފައިވާއިރު، ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ ސުއޫދު އިސްތިއުފާ ދެއްވިއެވެ. https://www.sun.mv/206013 އެ މައްސަލަ ބަލަން ޖޭއެސްސީން ސިއްރުކޮށްގެން އަޑުއެހުންތަކެއް ބޭއްވުމަށްފަހު ފާސްކުރީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، ޖޭއެސްސީން ނިންމި ގޮތް ރަނގަޅު ކަމަށް އެ ކޮމިޓީން ވެސް ނިންމިއެވެ. އެއީ މަހާޒާއި އަޒްމިރަލްދާ ޖަވާބުދާރީވާން ފުރުސަތަށް އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީ، ސިއްރުކޮށްގެން ގެންދިޔަ ބައްދަލުވުމެއްގައެވެ. އެ މައްސަލަ ތަޅުމަށް ފޮނުވުމާއެކު، ވެރިކަން ކުރާާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ފަނޑިޔާރުން ވަކިކުރަން ބޭނުންވާ ތިންބައިކުޅަ އެއްބައި ވޯޓު މިއަދު ހަމަކޮށް، ދެ ފަނޑިޔާރުން ވަކިކޮށްފައެވެ. އަޒްމިރަލްދާ ވަކިކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކަމަނާ މަގާމުން ވަކިކުރީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، ހައްގުތައް ނިގުޅައިގަނެ ސިއްރިއްޔާތުގައި ހިންގި އިޖުރާއަތުތަކަކަށް ފަހު ކަމަށެވެ. "އެ ނިންމެވުން ނިންމަވާފައި ވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަމެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ." އެ ކަމަނާ ވިދާޅުވިއެވެ. ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް، ސަރުކާރުން ބޭނުންވެގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުމަކަށް ފަނޑިޔާރުން ވަދެވަދެ ތިއްބައިކަން އަޒްމިރަލްދާ ފާހަގަކުރިއެވެ. އެ ކަމަނާ ވިދާޅުވީ، ތިން ބޭފުޅުން ސަސްޕެންޑުކުރި ކަމުގެ ޚަބަރު ލިބުމުން، ދެން އެ ބޭފުޅުން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް މުއުތަސިމް ވިދާޅުވި ކަމަށެވެ. "ސަސްޕެންޑު ކުރެވުނު ފަނޑިޔަރަކާއެކު 'ވަދާއީ' ފޮޓޯއެއް އުއްތަމަ ފަނޑިޔާރު ނެންގެވިތަން ބަލަހައްޓައިގެން އަޅުގަނޑު ދުރުގައި އިންއިރު އޭރުވެސް ވިސްނުނީ މިދާ ގޮތަށް ކަންކަން ދާނަމަ، ކުއްލި ގޮތަކަށް މާދަމާ ސުޕްރީމް ކޯޓުގެ ވަޒީފާއިން އަޅުގަނޑު ވަކިކުރާނެއެވެ." އަޒްމިރަލްދާ ލިޔުއްވާފައިވެއެވެ. އެ ކަމަނާ ވިދާޅުވީ އެގޮތަށް ވިސްނުނީ، އެކަމަނާ އެއްވެސް ކުށެއްނުކުރަނީސް، "ހޭވެސް އަހާނުލައި" ޖިނާއީ ތަހުގީގެއް ހިންގާކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރަން ކެރުނު ބަޔަކު، ޑިޔު ޕްރޮސެސް އެއްފަރާތްކޮށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ފަސްނުޖެހޭނެކަމަށް ގަބޫލުކުރެވޭތީއެވެ. އެ މައްސަލައިގައި މީގެ ކުރިން ވެސް އަޒްމިރަލްދާއާއި ސުއޫދު ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، ދުސްތޫރީ މައްސަލަ ހުއްޓުވަން ކަމަށް ތުހުމަތުކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަހާޒާއި އަޒްމިރަލްދާ ސަސްޕެންޝަނުގައި ތިއްބެވިއިރު އެ މައްސަލައާ ގުޅޭ ގޮތުން މުއުތަސިމް ވާހަކަދައްކަވާފައިނުވެއެވެ. ސުޕްރީމް ކޯޓު ހުއްޓުވާލާފައިވާއިރު އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން މުއުތަސިމް ޒިންމާ އަދާ ކުރައްވާތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަވަމުންނެވެ. އޭގެ ފަހުން އެ މަނިކުފާނު ވަނީ މަގާމުން ރިޓަޔާ ކުރައްވަން މިމަހުގެ އަށް ވަނަ ދުވަހު ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ