މަސައްކަތް ނުކުރިޔަސް ފެނަކައިގެ ވަގުތީ މުވައްޒަފުންނަށް މުސާރަ ދިން

ފެނަކަ ކުންފުނީގެ އެތެރޭގެ މަސައްކަތްތައް ހުއްޓިފައި އޮތް ދުވަސްވަރު ވެސް އެ މަސައްކަތްތަކަށް ނެގި މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 261 މިލިއަން ރުފިޔާ ހޭދަކުރިކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޮޑިޓު އޮފީހުން މިއަދު ވަނީ ފެނަކައަށް މުވައްޒަފުން ނެގުމާއި ޕްރޮމޯޝަނާއި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅޭ ހާއްސ އޮޑިޓު އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2021 އިން 2024އަށް އިންހައުސް 80 ޕްރޮޖެކްޓެއް ފެނަކައިން ކުރިއަށް ގެންދިޔަ އެވެ. އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުންފުންޏަށް ނެގި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މިދިޔަ އަހަރުގެ ނިޔަލަށް 437 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިންހައުސް ބައެއް ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ކަނޑައެޅި ބައެއް ޕްރޮޖެކްޓުތަކަށް ބިން ސާފުކޮށް، ފައުންޑޭޝަން އަޅަން ތައްޔާރުވި ނަމަވެސް އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތްތަކަށް ނެގި ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް މުސާރަ އާއި އިނާޔަތްތައް ދެމުން ގޮސްފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
"އިމާރާތް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް 2024 ވަނަ އަހަރުގެ ނިޔަލަށް ފަށާފައިނުވާ 3 ޕްރޮޖެކްޓަށް މަސައްކަތް ކުރަން ނެގި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް 2024 ވަނަ އަހަރުގެ ނިޔަލަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވުނެވެ،" އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ޕްރޮޖެކްޓުތަކަށް ނެގި މުވައްޒަފުންގެ ތެރެއިން އެހެން ޕްރޮޖެކްޓުތަކަށް 7 މުވައްޒަފުން ބަދަލުކޮށްފައިވާކަން ރިކޯޑުތަކުން ފެންނަން އެބައޮތް
މަސައްކަތް ނުހިނގާ އޮތް 3 ޕްރޮޖެކްޓަކީ؛ ލ. ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަންގެ މަސައްކަތާއި ގދ. މަޑަވެލި-ހޯޑެއްދޫ ސެންޓްރަލް ޕަވަ ސްޓޭޝަންގެ މަސައްކަތް އަދި ހޯޑެއްދޫ އިންޖީނުގޭގެ އޮފީސް އިމާރާތުގެ މަސައްކަތް
މީގެ އިތުރުން، ބައެއް އިންހައުސް ޕްރޮޖެކްޓުތަކުގެ މަސައްކަތް ދިގުލައިގެން ގޮސް އެ މަސައްކަތަށް ނެގި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ހޭދަވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
މަސައްކަތް ފަށާ ނަމަވެސް އެކަށީގެންވާ ވަރަށްވުރެ މަސައްކަތް ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓުތަކަށް މުސާރަ އާއި އިނާޔަތް ދިނުމަށް 247 މިލިއަން ރުފިޔާ ހޭދަވި
ދާއިމީ މުވައްޒަފުންގެ ރަސްމީ ވަޒީފާގެ އިތުރުން އިން-ހައުސް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރުމަށް ބައެއް މުވައްޒަފުންނަށް ހާއްސަ އިނާޔަތް ދިން؛ 646 މުވައްޒަފަކަށް އެ މީހުންގެ ރަސްމީ ވަޒީފާގެ މުސާރަ އާއި އިނާޔަތުގެ އިތުރުން 2021 އިން 2024ގެ ނިޔަލަށް ޖުމްލަ 19.5 މިލިއަން ރުފިޔާ ދިން
މީގެ އިތުރުން، އިންހައުސް މަސައްކަތްތަކަށް ނެގި ބައެއް މުވައްޒަފުންނަށް ދޭންޖެހޭ ވަރަށް ވުރެ 229 މިލިއަން ރުފިޔާ އިތުރަށް ދިން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތަށް 37 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތް ދިނީ 1 މަހެއްގެ ތެރޭ 2 ޕްރޮޖެކްޓެއްގެ މުސާރަ ޝީޓުގައި ހިމަނައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ