އިންތިހާބުގައި ރައްޔިތުން ވަނީ އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައި: ޕޮލިސް ކޮމިޝަނަރު

ދިވެހި ގިނަ ރައްޔިތުންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބައެއް ކަމުގެ ނަމޫނާ އިއްޔެ ނިމިގެން ދިޔަ އިންތިހާބުގައި، މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދިވެހިން ދައްކުވައިދީފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުލުހުންގެ ވެބްސައިޓު މެދުވެރިކޮށް ދެއްވި ވީޑީއޯ އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ނިމިގެން ދިޔައީ ވަރަށް އޮމާންކަމާއި ސުލްހަވެރިކަމާ އެކުގައި ކަމަށެވެ. އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހެއްގައި ވެސް ފުލުހުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު ދެއްވި އެވެ. "ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިއަސް ހުރިހާ ރައްޔިތުން ވެސް އެކުވެރި މާހައުލެއްގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަކަން އަޅުގަނޑުމެން ފާހަގަކުރަން. އިންތިހާބު ވަރަށް އޮމާންކަމާއި އަމާންކަމާއެކު ކުރިއަށް ދިޔައީ. އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ރައްޔިތަކު ދިރިއުޅޭ ގައުމެއްކަމުގެ ލާމަސީލު މިސާލު ދައްކަމުން އެ ދަނީ. މި ސަރަހައްދުގެ ހުރިހާ ގައުމުތަަށް ވެސް މިސާލެއްގެ ގޮތުގައި ފެނިގެންދާނެ ރާއްޖޭގައި މި ބޭއްވުނު އިންތިހާބުގެ ކަންކަން،" ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް ޕޮލިސް ކޮމިޝަނަރު ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ. އިންތިހާބުގެ ވަގުތަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މުހިއްމު ދަނޑިވަޅެއް ކަމަށާއި އެ ދަނޑިވަޅުގައި ފުލުހުންގެ ހަރަކާތްތައް ގާނޫނު އަސާސީ އާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ވެސް ރިޔާޒު އެދިވަޑައިގެންނެވި އެވެ. އަދި ސަލާމަތީ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެހީތެރިކަމަށް ވެސް ރިޔާޒު ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ