އީޔޫގެ މެމްބަރު ޤައުމަކަށް ނުވެވޭތީ ތުރުކީ އިން ކަންބޮޑުވުން ފާޅު ކޮށްފި

ޔޫރަޕިއަން ޔޫނިއަން، އީޔޫގެ މެމްބަރު ޤައުމަކަށް ވުމަށް ތުރުކީ ކުރަމުން އަންނަ މަސައްކަތް އަދިވެސް ކާމިޔާބު ނުވާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.ފްރާންސްގެ ވެރިރަށް ޕެރިހަށް ވަޑައިގެން އެޤައުމުގެ ރައީސް އެމަނުއެލް މެކްރަންއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް ވިދާޅުވީ، އީޔޫގެ މެމްބަރު ޤައުމަކަށް ވުމަށް ތުރުކީން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ނަމަވެސް އެކަމަށް އީޔޫއިން އިޖާބަ ދީފައި ނުވާ ކަމަށެވެ. އަދި އީޔޫގެ މެމްބަރަކަށް ހެދުމަށް އަބަދު އާދޭސް ކުރަން ނުކުރެވޭނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އީޔޫގެ މެމްބަރަކަށް ވުމުގެ ފުރުސަތު ތުރުކީއަށް ލިބުނީ 1977 ވަނަ އަހަރުއެވެ. އަދި އެކަމުގެ މަޝްވަރާތައް 2005 ވަނަ އަހަރުގައި ފަށާފައިވެއެވެ. އެހެންނަމަވެސް، އެކަން ދިގުލައިގެން ގޮސް، މިއަދާ ހަމައަށްވެސް ތުރުކީއަށް އީޔޫގެ މެމްބަރުކަން ވަނީ ލިބޭގޮތް ނުވެފައެވެ. އީޔޫގެ މެމްބަރަކަށް ވުމަށްޓަކައި އީޔޫއިން ކަނޑައަޅާ ވަކި އުސޫލުތަކެއް އެޤައުމެއްގައި ޤާއިމްވެފައި އޮންނަން ޖެހޭކަން ފާހަގަކޮށްލެވެއެވެ.އީޔޫގެ މެމްބަރަކަށް ވުމަށް ތުރުކީއިން މަސައްކަތް ކުރަމުން އަންނައިރު، އެޤައުމުގައި ހަރަކާތްތެރިވަމުން އަންނަ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް، ތުރުކީގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނަ ކަމަށް ބުނެ ޔޫރަޕްގެ ޤައުމުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި 2016 ވަނަ އަހަރުގައި ތުރުކީގެ ސަރުކާރު ވައްޓާލާ، ބަޣާވަތް ކުރަން މަސައްކަތްކުރި ބައެއް ފަރާތްތައް ހައްޔަރު ކުރުމުންވެސް ތުރުކީގެ ސަރުކާރަށް ހުޅަނގުގެ ޤައުމުތަކުގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ