ގުބާރު 13

ނާޝިދުއާއެކު ކޮފީ ނިންމާލުމަށްފަހު އެތަނުން ނިކުމެގެން ހިނގައިގަންނަނިކޮށް ނާޝިދު، ސާރާއަށް ގޮވާލިއެވެ. "އަހަރެންގެ ހިތް ބުނަނީ މަލާޒެއް ދެން ނުފެންނާނޭ. އިނގޭ މީ ބުނުން ރަނގަޅު އެއްޗެއް ނޫންކަން. އެކަމަކުވެސް..." ނާޝިދު ބުނި އެއްޗަކުން ސާރާގެ ހިތް އިތުރަށް މާޔޫސްވިއެވެ. ވުމާއެކު އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. ހިނގަމުން ދިޔައިރު އޭނާއަށް ދެވޭ ނުދެވޭ ތަނެއް ނޭންގެއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ހިނގަނިކޮށް އޭނާއަށް ނިކުމެވުނީ އާޓިފިޝަލް ބީޗާއި ދިމާލަށެވެ. ސާރާ ހިނގާފައި ގޮސް ބީޗުގައި އިށީންނަން ހަދާފައި ހުރި ބެންޗުން ބެންޗެއްގައި އިށީނެވެ. އޭނާ އިނީ ހުއްޓުން އަރާފައެވެ. އޭނާގެ ދިރިއުޅުމުގައި ކަމަކަށްފަހު ކަމެއް ނުވާ އެންމެ ދުވަހެއްވެސް ފާއިތުވެގެން ނުދެއެވެ.
ސާރާއަށް، މަލާޒުއާއި ގުޅޭގޮތުން ފުލުހުންގެ ކިބައިން މައުލޫމާތެއް ހޯދޭނެ ގޮތެއްވެސް ނެތެވެ. މިއަދު އޭނާއަކީ މަލާޒުގެ އެއްވެސް މީހެއް ނޫނެވެ. އޭނާއަށް ރޮވުނެވެ. ދުލުން މަޑުމަޑުން މަލާޒުގެ ނަން ކިޔާލެވުނެވެ. އޭނާ މަލާޒާއެކު އުފާވެރި ހަޔާތެއް ފެށުމަށް ނުދެކޭ ހުވަފެނެއް ނެތެވެ. މަލާޒުގެ ހަނދާންތަކާއި ދުރަށްދާނީ ކިހިނެއް ހެއްޔެވެ؟. އޭނާއަށް ދުނިޔެއަކީ ވަރަށް ބޭއިންސާފު ތަނެއްގެ ގޮތުގައި ސިފަކުރެވުނެވެ. މިކަހަލަ އެތައް ހިޔާލުތަކެއް އޭނާގެ ސިކުނޑިތެރޭގައި ދިޔައީ އެނބުރެމުންނެވެ. ސާރާ ހިތްފުރެންދެން އެތަނުގައި އިނދެގެން ރޯލިއެވެ. އޭނާ ނިންމީ މަލާޒުގެ މައިންބަފައިންނާއި ބައްދަލުކުރުމަށެވެ. އޭނާ އެންމެ ފަހުން ހަތިޔާރު ބަހައްޓައި މަލާޒުގެ މައިންބަފައިންގެ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ސިޑިން އަރައި އެގޭގެ ދޮރުގައި ހަރުކޮށްފައި ހުރި ރަނގަބީލަށް ފިތާލިއެވެ. ދެތިން ފަހަރަކު ފިތާލުމާއެކު، އެތެރެއިން ދޮރުހުޅުވީ މަލާޒުގެ މަންމަ ފަރިދާއެވެ. ސާރާ ފެނުމާއެކު އޭނާ ސާރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. "ކީއްކުރަން މިތަނަށް ތިއައީ؟." ފަރީދާ ރުންކުރު ގޮތަކަށް ވާހަކަ ދެއްކިއެވެ. "އަހަރެންދެކެ ކިތަންމެ ރުޅި އަޔަސް މައްސަލައެއް ނެތް. އެކަމަކު މިއަދު އަހަރެން މިއައީ ގޮތް ހުސްވެގެން. މަލާޒުވީ ތަނެއް ނުވެސް އެނގޭ!." ސާރާ ރޯން ފެށިއެވެ. އެހިނދު ފަރީދާއަށް ވެސް ރޮވޭ ގޮތްވިއެވެ. ހަގީގައިތުގައި މިއަދު ފަރީދާއާއި އޭނާގެ އާއިލާއަށް ކުރިމަތިވެފައިވަނީ ބަރުދާސްކުރަންވެސް ދަތި ހިތާމައެކެވެ. ހުރި ހަމައެކަނި ދަރިފުޅު ވީނުވީ އެއް ނޭންގި ގެއްލިގެން ދިއުމަކީ އޭނާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
"ނޭންގެ!. އަހަރެންގެ ދަރިފުޅު އެންމެ ފަހުން ފެނުނު ދުވަސް އެއީ އޭނާ ފެންނާނެ އެންމެ ފަހު ދުވަސްކަން އެގުނުނަމަ ދިޔަކަ ނުވެސް ދިނީސް. އެއްވެސް ބަޔަކަށް އޭނާ ދިޔަ ތަނެއް ނޭންގެ. ފުލުހުންވެސް ވަކި އެއްޗެކޭ އަދިވެސް ނުބުނެ." ފަރީދާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެވަގުތު ސާރާ އެ ގޭ ތެރެއަށް ވަނެވެ. އަދި ފަރީދާގެ ކޮޑުގައި އަތް އަޅާލާ ނުރޮއެ ހިތްވަރުކުރުމަށް ނަސޭހަތްތެރިވިއެވެ. "މަލާޒަށް އައި ހެޔޮ ބަދަލު ފެނިފައި އަހަރެމެން އުފާކުރިން. އަހަރެމެން ކިބައިން މައާފަށް އެދުނު. ދޭތެރެއަކުން ގެއަށްވެސް އާދޭ. ކައިވެނި ކުރަން އުޅޭ ވާހަކަވެސް ބުނީ ކުއްލިގޮތަކަށް. އަހަރެމެން ތިބީ އެއީ ސާރާ ކަމަށް ހީކޮށްގެން. ހުރިހާ ކަމެއްވެސް ވެގެން ދިޔައީ ވަރަށް ކުޑަކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި. ގެއަށް އެންމެ ފަހުން އައި ދުވަހު އޭނަ އަހަރެން އަތަށް ދިނީ ރަން ފަށެއް. އަހަރެންގެ ހަޔާތުގަވެސް މަލާޒު އަހަރެންނަށް އަލަށް އެއްޗެއް ދިން ދުވަހަކީ އެއީ. ހިތަކަށް ނާރާ އެއީ އޭނަ ހަނދާނަކަށް ދިން އެއްޗެއް ކަމަކަށް." ފަރީދާ ރޮމުންރޮމުން އެތަނުގައި ހުރި ގޮޑިއެއްގައި އިށީނެވެ.
އެވަގުތު ގެއަށް އައިސްވަނީ މަލާޒުގެ ބައްޕަ ވަހީދެއެވެ. "ހަމަ މިހާރު މިތަނުން ނިކުމޭ. ކަލޭގެ ލަދު ކޮބާތަ މިގެއަށް ވަންނަން؟." ވަހީދު އައިސް ސާރާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ސާރާ އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. އޭނާ މަގުމަތިން ޓެކްސީއެއް ނަގައިގެން ގެއަށް ދިޔައެވެ. ގެއަށް ދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާއަށް މިއަދު ރުއިން ނޫން އިތުރުކަމެއް ނުކުރެވެއެވެ. އޭނާ މިއަދު އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. އެގޮތުގައި ދެ ހަފްތާ ފާއިތުވެގެން ދިޔައިރު، އެކި މީހުން އެކި ގޮތްގޮތަށް މަލާޒު ގެއްލުނު ވާހަކަ ދިޔައީ ދައްކަމުންނެވެ. އެކި ހަބަރު ތަކުގަޔާއި، މުޅި ސޯޝަލް މީޑިއާގައި އެވާހަކަ އެކި މީހުން ދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ.
ސާރާއަށް އެކަމުގައި އެހީތެރިވެދޭނެ އެއްވެސް މީހަކު ނެތެވެ. ކުޑަމިނުން ނާޝިދުގެ ހަބަރެއްވެސް ނުވެއެވެ. އޭނާއާއެކު ކޮފީއަށް ދިޔަ ދުވަހު ސާރާ، ނާޝިދުގެ ނަންބަރު ހޯދިއެވެ. ދެތިން ދުވަހަކު ނާޝިދުއާއި ފޯނުން ވާހަކަ ދެއްކުނު ނަމަވެސް މިހާރަކަށް އައިސް ނާޝިދުވެސް އޭނާ ގުޅީމައި ފޯނެއް ނުނަގައެވެ. ސާރާއަށް އެކަނިވެރިކަން އިންތިހާއަށް އިހުސާސްކުރެވެން ފެށިއެވެ. އެކަމުން ސަލާމަތްވާނެ އަލި މަގެއް ފެނޭތޯ އޭނާ އަނެއްކާވެސް ދީނީ ކަންކަމާއި ކައިރިވާން ފެށިއެވެ. ނަމާދުކޮށް ދުއާކުރަން ފެށުމާއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބެން ފެށިއެވެ.
ނަމަވެސް ސާރާގެ ދިރިއުޅުން މިހާރު އޮތީ މަޑުޖެހިފައެވެ. މަސް ދުވަސް މަލާޒުގެ އެއްވެސް ހަބަރެއް ނެތި ދިއުމުން ސާރާ ނިންމީ ފުލުހުންނާއި ސުވާލުކުރުމަށެވެ. އެގޮތުން ސާރާގެ ރައްޓެހި ފުލުހެއް މެދުވެރިކޮށް އެ ކޭސްގެ ހަގީގަތް ބެލޭތޯ އޭނާ މަސައްކަތް ފެށިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާއަށް ދޭ ޖަވާބަކީ ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު އެއްވެސް ވާހަކައެއް ނުބުނެވޭނެއެވެ. ސާރާ، ދޭތެރެއަކުން ފަރީދާއަށް ވެސް ގުޅަން ފެށިއެވެ. މިގޮތަށް މަޑުމަޑުން ގުޅަން ފެށުމާއެކު ފަރީދާ ވެސް މަޑުމަޑުން ސާރާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ވަހީދަކަށް ނޭންގެއެވެ.
ދުވަސްތައް މަސްތަކަށް ބަދަލު ވަމުން ގޮސް، ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް މަލާޒުގެ ހަބަރެއް ނުވެއެވެ. ސާރާވެސް އައީ މަޑުމަޑުން އާއްމު ހާލަތަކަށް ރުޖޫއަވަމުންނެވެ. ވަޒީފާ އަދާނުކޮށް ގިނަދުވަހު ގޭގައި އިންނަން ޖެހުމުގެ ނަތީޖާއަކަށްވީ އޭނާ އެއްވެސް ވަރަކަށް ބޭރަށް ނިކުންނަ ހިތްނުވުމެވެ. މައޫސާމާވެސް އެތައް ފަހަރަކު ސާރާ ބޭރަށް ނެރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވީ ދެފަހަރަކުއެވެ. ސާރާ އެކަނިހުރެ ކުރަމުން ދިޔަ ފިކުރުތަކަށް އެއްވެސް ލުއެއް ލިބޭ ގޮތެއް ނުވެއެވެ. ވުމާއެކު ދިރިއުޅުން އެ ނޫން އެހެން ގޮތަކަށް ބަދަލުކުރަން ޖެހިއްޖެކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.
ނަމަވެސް އޭނާ ހުރީ އާ ދިރިއުޅުމެއް ފަށައިގަންނާނެ ގޮތެއް ނޭންގިފައެވެ. ފަށާނީ ކޮންކޮޅަކުންބާއޭ ހިތަށް އެރިއެވެ. އެކިގޮތް ގޮތަށް ވިސްނުމަށްފަހު ސާރާ ނިންމީ ކިޔަވަންށެވެ. ކުޑައިރު އޭނާ އެންމެ ބޭނުންވާ ވަރަށް ކިޔެވިފައި ނެތުމާއެކު އޭނާ ނިންމީ ކޮންމެވެސް ދާއިރާއަކުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމަށެވެ. ސާރާ މިކަން މައުސޫމާއާއި ހިއްސާކުރިއެވެ. މައުސޫމާ ވަރަށް އުފާވިއެވެ. ސާރާގެ ހިތްދަތި ދިރިއުޅުން އެންމެ ކައިރިން ފެންނަ އެކަކީ އޭނާއެވެ. ވުމާއެކު މައުސޫމާ ހުރީ އޭނާގެ ފަރާތުން ދެވެން އޮތް ފުރިހަމަ އެހީތެރިކަމެއް ދިނުމަށް ތައްޔާރުވެގެންނެވެ.
ސާރާ އެކިއެކި ކޮލެޖުތަކުން ކޯސްތައް ބަލަންފެށިއެވެ. އަދި ކުރިއަށްދާނެ ދާއިރާއެއް ވިސްނަން ފެށިއެވެ. އޭނާ ބޭނުންވީ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ސާރާއަކީ އަބަދުވެސް މީހުންނަށް އެހީތެރިވާން ބޭނުންވާ މީހެކެވެ. ވުމާއެކު އޭނާ އިހުތިޔާރު ކުރީ ގިނަ މީހުންނަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނެ ދާއިރާއެކެވެ. ކޯހަށް އެޕްލައި ކުރުމުގެ ކުރިން އޭނާ ވަރަށް ގިނަ ރިސާޗްތައް ހެދިއެވެ. މިގޮތުގައި ވަގުތު ހޭދަކުރަން ފެށުމުން އޭނާ ބޭކަރު ހިޔާލުތަކާއި މަޑުމަޑުން ދުރުވާން ފެށިއެވެ. ގައުމީ ޔުނިވަރސިޓީން އެ އަހަރުގެ މޭ އަދި ޖޫންގައި ފަށާ ކޯސްތަކުގެ ތެރޭގައި ސައިކޮލޮޖީގެ ކޯސް ހިމެނެއެވެ. ވުމާއެކު އޭނާ ކޯހަށް އެޕްލައިކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް ކޯހަށް ފުރުސަތު ހުޅުވާލަންދެން މަޑުކުރިއެވެ.
މިގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް އެދުވަހަކީ ޔުނިވަރސިޓީން ހިންގާ ކޯސްތަކަށް ވަންނަން ބޭނުންވާ ކުދިންނަށް ވަނުމުގެ ފުރުސަތު ހުޅުވާލި ދުވަހެވެ. ސާރާ، އޭނާ ތައްޔާރުކުރި ހުރިހާ ލިޔެކިޔުންތަކެއް ހުށައެޅުމަށްފަހު ގެއަށް އައިސް އެނދުމަތީގައި އޮށޯވެލިއެވެ. އޭނާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހީވީ އެތައް އަހަރުތަކަކަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލެވުނުހެންނެވެ. އެވަގުތަކީ މެންދުރުގެ ގަދަ ހޫނުގެ ވަގުތުކަމަށްވެފައި ކަރުހިއްކާލުމުގެ ގޮތުން ފިނި އެއްޗެއް ބޯލާހިތްވިއެވެ. އެހެންކަމުން ގޭ ތިރީގައި ހުރި ފިހާރައަށް ދިއުމަށް ހިނގައިގަތްތަނާއި އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު އައީ ނުވެސް ދަންނަ ބޭރު ނަންބަރަކުންނެވެ. ފުރަތަމަ ފަހަރު ގުޅީމާ އޭނާ އަޅާނުލާ ފޯނު ބޭއްވިއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ހަމަ އެ ނަންބަރުން ގުޅުމާއެކު ސާރާ ފޯނުނެގިއެވެ. "ހަލޯ." އެ އަޑަކީ ސާރާ ނުދަންނަ އަޑެއް ނޫނެވެ. އެއީ ސާރާ އެންމެ އަހަން ބޭނުންވާ އަޑެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެ އަޑު އަހާލަން ލިބުމާއެކު ސާރާ މޮޔައެއްހެން މުޅި ގޭތެރޭގައި ހިނގަންފެށިއެވެ. އޭނާއަށް އުފަލުން ރޮވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ