ށ. ފޯކައިދޫ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރަން ފެނޭތޯ ބެލުމަށް އެ ރަށުގައި އަނެއްކާ ވެސް ވޯޓެއް ނަގައިފި އެވެ. ހަމަ އެ މައްސަލައިގައި ރައްޔިތުން ހިޔާލު ތަފާތުވެގެން މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެ ރަށުގައި ވަނީ ވޯޓެއް ނަގައިފަ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ކަރަންޓުގެ މައްސަލައިގައި ގޮތެއް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓުގައި 238 މީހަކު ބައިވެރިވެފައިވާ އިރު ހަތް މީހަކު ފިޔަވައި އެހެން އެންމެން ވެސް ވޯޓު ލާފައިވަނީ ޔުޓިލިޓީސް އިން އެ ރަށުގައި ކަރަންޓު ދިނުމަށް ކަމަށެވެ. ނަމަވެސް ވޯޓު ލުމުގެ ހައްގު ހަމަވާ 900 އަށް ވުރެ ގިނަ މީހުން އެ ރަށުގައި އުޅޭ ކަމަށާއި އެ މައްސަލައިގައި ދެކޮޅު ހަދާ މީހުން ވޯޓުލުން ބޮއިކޮޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލައިގައި މިދިޔަ މެއި މަހުގެ ތެރޭގައި ނެގި ވޯޓުގައި ގިނަ ބަޔަކު ވޯޓު ދީފައިވަނީ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލު ނުކުރަން ކަމަށެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން 500 އެއްހާ މީހުން އެކަމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅުމުން އަލުން ވޯޓެއް ލުމަށް ހުއްދަ ދެއްވީ ކަމަށް ރާޝިދު ވިދާޅުވި އެވެ.
"ދެފަހަރު ވެސް ވޯޓު ލި އިރު ރައްޔިތުންގެ ހިޔާލު މިވަނީ މިކަމުގައި ވަރަށް ބޮޑަށް ތަފާތުވެފައި. ޔުޓިލިޓީސްއާ ކަރަންޓު ހަވާލު ކުރަން ބޭނުން ނުވާ ކަމަށް އެއް ބަޔަކު ބުނާއިރު އެކަމާ ދެކޮޅަށް އަނެއް ބަޔަކު ޕެޓިޝަނެއް ހުށަހަޅާ. އެހެން ކަމުން އެކަމާ މެދު ކައުންސިލުން ގޮތެއް ނިންމަން ނޭނގިގެން މިއުޅެނީ،" ޑީއާރުޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. "އެކަމަކު އެންމެ ފަހުން ނެގި ވޯޓާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން."
ފޯކައިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އަތޮޅުގެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދެނީ ޔުޓިލިޓީސް ކުންފުނިން ކަމަށާއި އަދި ރައްޔިތުންގެ އިންޖީނުގެއިން ކަރަންޓު ދޭއިރު ޔުނިޓަކަށް ނަގާ އަގު ވެސް ބޮޑު ކަމަށެވެ.
"ކަން މިހެން ހުރިއިރު ވެސް ބައެއް މީހުން ބޭނުމެއް ނުވޭ ޔުޓިލިޓީސްއާ އިންޖީނުގެ ހަވާލުކުރާކަށް. އެހެންވެ އަޅުގަނޑުމެން މިތިބީ މިކަމާ މެދު ކައުންސިލުން ގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކަރަންޓު ބިލްތައް ނުދައްކަން،" ފޯކައިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ނުވަދިހައެއްހާ ގެއިން ކަރަންޓު ބިލް ދެއްކުމަށް ދެކޮޅު ހަދަމުން އަންނަ އިރު، ކަރަންޓު ބިލް ނުދައްކައިގެން މާދަމާ އެ ހުރިހާ ގެތަކުން ކަރަންޓު ކަނޑާލާނެ ކަމަށެވެ. ނަމަވެސް އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލު ނުކުރަނީސް ކަރަންޓު ބިލް ނުދައްކާނެ ކަމަށް އޭނާ ބުންޏެވެ.
ފޯކައިދޫ އިންޖީނުގެ ޔުޓިލީސްއާ ހަވާލުކުރަން ފެނޭތޯ ބެލުމަށް އަނެއްކާ ވެސް ވޯޓެއް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ