މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ އަގު ވައްޓާލަން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމްޑީޕީ އިއްތިހާދުން ބުނެފި އެވެ.
ކެމްޕޭން ހަރަކާތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހިތަދޫގައި އިއްޔެ މެންދުރު ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ގައުމީ އިއްތިހާދު ޕާޓީގެ ނާއިބް ރައީސް ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އަންނިގެ އަގު ވައްޓާލައި ހަގީގަތެއް ނެތް ވާހަކަތައް އޭނާ އާ ބެހޭ ގޮތުން މައުމޫން މިހާރު ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން ޔަގީންވެ ވަޑައިގަންނަވާތީ އާއި އެކަމާ މިހާރު ހާސްވެ ކަންބޮޑުވެ ވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަރާތަކުންނެއް ހާސްވެގެން ކަންބޮޑުވެގެން ފާޑުފާޑުގެ ނޭދެވޭ ހަރަކާތްތަކެއް ހިންގާ ވާހަކަ ދައްކައި މީހުން ބިރުގަންނުވާ އެމަސައްކަތްތަކެއް އަޅުގަނޑުމެންނެއް ކުރަމުންނެއް ނުދަން. އަދި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އަނެއް ރިޔާސީ ކެންޑިޑޭޓާ ބެހޭ ގޮތުން ޒާތީ ކަންތައްތަކުގެ ވާހަކަތަކެއް ނުދައްކަވާ،" ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ. "އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ އަނެއް ރިޔާސީ ކެންޑިޑޭޓް (މައުމޫން) ހަމަ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓުގެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ސީދާ ވާހަކަ ދައްކަވަމުން އޭނާގެ އަގު ވައްޓާލަން، އަގު ދަށްކުރައްވަން މަސައްކަތް ކުރައްވާ ތަން."
އިއްތިހާދުގެ ފަރާތުން އިތުރަށް ވިދާޅުވީ އަންނި އާ ބެހޭ ގޮތުން ޑީއާރްޕީން އާންމުކޮށްގެން އުޅޭ ވީޑިއޯ އަކީ ހަގީގަތެއް ވެސް ނޫން ކަމަށާއި އެއީ އެމީހުން ބޭނުންވާ ގޮތަކަށް ހަދައިގެން ގެންގުޅޭ ވީޑިއޯއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކެމްޕޭނަށް އެއްވެސް ހުރަހެއް އަދި އަންނި އޮތް ތާއީދަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އެފަދަ ދަށް ފެންވަރުގެ އަމަލުތައް ޑީއާރްޕީން ހިންގަމުން އަންނަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.
ގަންޖާ ހުއްދަ ކުރުމާ ބެހޭ ގޮތުން އަންނި ދައްކަވައިފައިވާ ވާހަކަތައް ހިމެނޭ ވީޑިއޯ މިމަހުގެ 12 ވަނަ ދުވަހު ޑީއާރްޕީން އައްޑޫގައި އާންމުކޮށްފައިވާ އިރު ރޭ ވަނީ، ފުލުހުންނާ ދެކޮޅަށް މިހާތަނަށް އެމްޑީޕީންނާއި އަންނި އިސްކޮށް ހުންނަވައިގެން ދައްކަވައިފައިވާ ވާހަތަތަކާއި ހަރަކާތްތައް ދައްކުވައިދޭ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެހެންނަމަވެސް އިއްތިހާދުން ބުނީ ރައްޔިތުން އެ ވީޑިއޯތަކަށް އިތުބާރު ނުކުރާނެ ކަމަށާއި އެތަކެތި ނުވެސް ބަލާނެ ކަމަށެވެ.
"އެވީޑިއޯތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކެމްޕޭނަށް އެއްވެސް ހުރަހެއް ނެތް އައިސްފައެއް. އެވީޑިއޯއަކީ ސައްހަ ވީޑިއޯއެއް ނޫން. އެއީ ހަމަ ދޮގު ހަދާ ބަޔަކު އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ވެސް ދޮގު ހަދަމުން ދިޔަ ބަޔަކު ތައްޔާރުކޮށްފައި އޮތް ދޮގުވެރި، ކެހިވެރި ރޭވުމެއްކަން އަޅުގަނޑުމެންނަށް ތާއީދު ކުރާ ފަރާތްތަކަށް އެނގޭ،" ޑރ. މުސްތަފާ ވިދާޅުވި އެވެ. "އެހެންވީމާ އެއާ ދޭތެރޭ އަޅުގަނޑުމެން ނުޖެހޭނެ މާ ކަންބޮޑުވާކަށެއް. އަދި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެއީ ހަގީގަތެއް ކަމަކަށް."
އިއްތިހާދުން އަދި ބުނީ އިންތިހާބުގައި އެމްޑީޕީ އިއްތިހާދަށް އޮތް ތާއީދު ބެލުމަށް މިއަތޮޅުގެ ހުރިހާ ރަށެއްގައި ސާވޭތަކެއް ކުރަމުން އަންނަ ކަމަށާއި މި ސާވޭ އިން ދައްކާ ގޮތުގައި މިއަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ހިތަދޫން އިއްތިހާދަށް 70 ޕަސެންޓަށް ވުރެ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ދައްކައިފައިވާ ކަމަށެވެ. އަދި މި ސާވޭއަކީ ވަރަށް އިތުބާރު ހިފޭ، ސައިންޓިފިކް ގޮތަކަށް، އިއްތިހާދާ ނުވެސް ގުޅޭ މިނިވަން ބަޔަކާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އިއްތިހާދުން ބުންޏެވެ. އެކަން އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ވެސް ސާބިތުވި ކަމަށް އިއްތިހާދުން ބުންޏެވެ.
ރިޔާސީ އިންތިބާ 2008: މައުމޫން ގެންދަވަނީ އަންނިގެ އަގު ވައްޓާލަން މަސައްކަތް ކުރައްވަމުން: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ