ޑީއާރުޕީގެ އާންމު ބައްދަލުވުން: ހުރިހާ މެމްބަރުން އެކަތިގަނޑަކަށް ވެ އާންމު އިންތިހާބު ކާމިޔާބުކުރުމަށް މައުމޫން ގޮވާލައްވައިފި

ހުރިހާ މެމްބަރުން އެކަތިގަނޑަކަށް ވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ބޭއްވި ޑީއާރުޕީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީއަކީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ އަދި އެންމެ ހަރުދަނާ ޕާޓީކަމަށް ވުމުން ހުރިހާ މެމްބަރުން އެކުގައި މަސައްކަތް ކޮށްފިއްޔާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ ޑީއާރުޕީގެ ފަރާތުން އިންތިހާބަށް ކުރިމަތިލާނެ މެމްބަރުން ހޮވުމަށްޓަކައި ވަރަށް ހަރުދަނާ އުސޫލަކުން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ ޕާޓީގެ ސިޔާސަތު ނިޔާކުރާ ގޮތަކީ ޕާޓީގެ މެމްބަރުން ވަކި ދާއިރާއަކަށް ވަކި ބޭފުޅަކު ނިންމަވައިފިއްޔާ އަޅުގަނޑުމެން އެންމެން އެ ބޭފުޅަކަށް ތާއީދުކުރަން ޖެހޭނެ. އެ ބޭފުޅަކާ ވާދަކުރެއްވި ކެންޑިޑޭޓަކު ވެސް ދެން ޖެހޭނީ އެ ހޮވި ވަޑައިގެންނެވި ކެންޑިޑޭޓަށް ތާއީދު ކުރައްވާށޭ. އެއީ ޕާޓީގެ އުސޫލު ނިޔާ ކުރާ ގޮތަކީ،" އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބުތަކެއްވާ ކަމަށާއި އެ ކަންތައްތައް ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އިންތިހާބު ނާކާމިޔާބުވުމުގައި އެ މަނިކުފާނުގެ ވެސް ޒިންމާ ވަރަށް ބޮޑު ކަމަށާއި އެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އުފުއްލަވާ ކަމަށެވެ.
މީގެ އިތުރުން މައުމޫން ރޭ ވަނީ ދައުލަތުގެ މީޑިއާ ވެސް ފުރަތަމަ ފަހަރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދުގެ ބެއްލެވުމުގެ ދަށުން ދައުލަތުގެ މީޑިއާއިން ވަރަށް ހަރުދަނާ ސިޔާސަތެއްގެ ދަށުން ހަބަރުތައް ގެނެސްދެމުން ގެންދިޔަ ނަމަވެސް މިހާރު މުޅިން އެއް ފަރާތަކަށް ދައުލަތުގެ މީޑިއާ ބުރަވެފައިވާ ކަމަށެވެ. އޭގެ އެއް މިސާލެއް ކަމަށް މައުމޫން ދެއްކެވީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމަށް އެ މަނިކުފާނު އަމިއްލަ ގޮތުން ދީނީ ނަސޭހަތުގެ ލިޔުމެއް ފޮނުއްވަމުން ގެންދަވަނިކޮށް ވެރިކަން ބަދަލުވިތާ ހަފުތާއެއްގެ ތެރޭގައި އެކަން ހުއްޓުވުމެވެ.
ޑީއާރުޕީގެ ރޭ ގެ ބައްދަލުވުމުގައި މައުމޫނުގެ އިތުރުން އެ ޕާޓީގެ ނާއިބު ޒައީމް އަދި ދުވަހުން ދުވަހަށް ޕާޓީ ހިންގެވުމާ ހަވާލުކުރައްވާފައިވާ އަހުމަދު ތަސްމީން އަލީ ވެސް ވާހަކަ ދެއްކެވި އެވެ. ތަސްމީން ވިދާޅުވީ އާ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޑީއާރުޕީން މަސައްކަތް ކުރާނެ ކަމަށާއި ފާއިތުވި ކުރު މުއްދަތުގައި ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތުން އެ ޕާޓީގެ ޒިންމާ އާއި މަސްއޫލިއްޔަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
ތަސްމީންގެ ވާހަކައިގައި ވަނީ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ކުރިން ހޯމް މިނިސްޓަރުކަމާއި އެޓޮލްސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތަސްމީން ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ގައުމަށް ގެނައި ބޮޑެތި ސިޔާސީ އިސްލާހުތައް އަނެއް ފުށަށް ޖެހިގެންދާ ކަމުގެ ކުލަވަރު ފެންނަމުންދާ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ރޭގެ އާންމު ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ފަރާތުން އަލަށް ނެރެން ފެށި ދުވަހު ނޫސް "ދިވެސް" ވެސް ރަސްމީކޮށް ނެރެފަ އެވެ. އެ ނޫސް ރަސްމީކޮށް ނެރެދެއްވީ ޕާޓީގެ ޒައީމް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ