މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓު ލިބޭނެ: އެމްޑަބްލިޔުއެސްސީ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ނިންމާފައިވާ ގޮތަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައިވެސް މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ނިންމުމާއެކު ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރާއި ކ. މާފުށި އަދި ހދ. ކުޅުއްދުއްފުސީގެ ކޮންމެ ގޭބިސީއެއގެ މެއި މަހުގެ ފެން ބިލުން 30 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ފެން ބިލުން 20 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެ ކުންފުނިން ދުވާފަރުގައި ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތުންވެސް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ކޮންމެ ވިޔަފާރީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް، އެބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ