އެހެން ދީންތަކަށް ޖާގަ ދޭން އުޅޭ ފަރާތްތަކާ ދެކޮަޅަށް މަސައްކަތް ކުރޭ: މައުމޫން

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދޭން އުޅޭ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން މިއަދު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުން މެދު ކެނޑިފައި އޮތުމަށް ފަހު އެމަނިކުފާނުގެ ސަރުކާރުން 2000 ވަނަ އަހަރު ތެރޭގައި އަލުން އެ ދުވަސް ފާހަގަ ކުރަން ފެށި އިރު ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށާއި ނުސީދާ ގޮތަކަށް ފިކުރީ ހަނގުރާމައެއްގެ ސިފައެއްގައި އިސްލާމީ ވަހުދަތު ފުނޑުފުނޑު ކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އަދި އިސްލާމްވި ދުވަސް އަލުން ފާހަގަ ކުރަން ފެށީ ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތް ލޯބި އިތުރުކޮށް، ރާއްޖެ އަންނަން ފަށާފައިވާ އެހެން ދީނީ ފިކުރުތަކުން ދިވެހިން ދުރުކޮށް ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިއަދު އެ ދުވަސް ފާހަގަ ކުރާ އިރު، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަދޭން އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހޭލުންތެރިވެ ތިބެން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
".އަޅުގަނޑުމެން ހަނދާން ކުރަންވީ މިނިވަން މުސްތަގިއްލު ގައުމެއް ގޮތުގައި މިއަދާ ހަމަޔަށް ވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމް ދީންކަން، ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ވެސް އިސްލާމް ދީނުގެ ހިދާޔަތު ކަމާއި އަދި ދިވެހި ގައުމިއްޔަތު ބިނާވެފައިވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗައް،" ރައީސް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވި އިރު، ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާތީ ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ