މައުމޫން ހުންނެވީ ސާބިތުކަމާއެކު، ހިލިހިލާ ޖެހިޔަސް ނަފްސު ވިއްކައެއް ނުލާނެ: ވަކީލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގޭބަންދުގައި ހުންނަވަން ފުރުސަތު ދެއްވި ކަމަށާއި އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމުން ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވާފައިވާ އޭނާ ކުރައްވާފައިވާ ހަތަރު ޓްވީޓެއްގަ އެވެ.
ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް ރައީސް ޔާމީން ފޮނުއްވައިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް މައުމޫނާ ބައްދަލުކުރައްވާ "ރައީސް އެދިވަޑައިގަންނަވަނީ އެއްބާރުލުން ދެއްވުމަށް" ކަމަށް ދެންނެވި ކަމަށެވެ. އޭގެ ޖަވާބުގައި "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ރައީސް މައުމޫން ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައިވަނީ އަމިއްލަ މަސްލަހަތާއި އާއިލީ ގުޅުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރެއްވުމުން ބާރުގައި ތިބި މީހުންނަށް އެކަން ހަޖަމްނުކުރެވިގެން ކަމަށެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މުޅި އާއިލާއަށް ކުރިމަތިވެފައިވާ ބޭއިންސާފާއި ތަހައްމަލް ކުރަންޖެހިފައިވާ ވޭންތައް މި ބޭފުޅުން ސަރުކާރާ ގުޅިވަޑައިގެންފިނަމަ އެ ދުވަހުން ފެށިގެން ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް މައުމޫނާއި ފާރިސްގެ އިތުރުން ނަދީމު ހުންނެވީ ސާބިތުކަން މަތީގައި ކަމަށާއި ހިލިހިލާ ޖެހިޔަސް އެ ބޭފުޅުންގެ ނަފުސް ވިއްކާނުލަައްވާނެ ކަމުގެ ޔަގީންކަންވެސް މައުމޫން ހަމީދު ވަނީ ދެއްވާފަ އެވެ.
ގާނޫނާ ހިލާފަށް ސަރުކާރުން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ފާރިސްއާއި ނަދީމު ހައްޔަރުކޮށް ޓެރަރިޒަމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ނަމަވެސް މި ދައުވާގައި އަދި އެއްވެސް ބޭފުޅެއްގެ މައްޗަށް ހުކުމްކޮށްފައެއް ނުވެ އެވެ. އެކަމަކު ރައީސް މައުމޫނާއި ފާރިސް މިހާރުވެސް ގެންދަވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރި އެހެން މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ