މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުފަތުރު ކުރުމުގެ ގަވާއިދަށް އަމަލުކުރަން ހަނދާންކޮށްދީފި

މުދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވިއްސާރަ ކުރަމުންދާތީ ކަނޑު ދަތުރުފަތުރު ކުރާ މީހުން ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނަށް ބޯލަނބަން ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން ބުނީ ހުރިހާ ފަރާތްތަކުންވެސްް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށާއި ކަނޑުދަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމަށްފަހު ނޫނީ ދަތުރަށް ނުފުރުމަށް ހަނދާން ކޮށްދޭ ކަމަށެވެ. "ވަކިން ޚާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވެސް ހަނދާންކޮށްދެމެވެ." ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. މޫސުމަށް އަންނަ ބަދަލާއެކު ފަޅުތެރޭގައި އަޅާފައި އޮންނަ އުޅަނދުތަކަށް ގެއްލުންވުމުގެ ރިޕޯޓުތައް ލިބޭ ކަމަށާއި ފަޅުތެރޭ އުޅަނދު އެޅާފައި އޮއްވާ ނަގިލި ކަހާލުން ފަދަ ކަމެއް ދިމާވެދާނެކަމަށްޓަކާ ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން ވާރޭ ވެހުމުގެ ސަބަބުން މަގުމަތީ ފެން ހެދިފައި އޮންނަ ވަގުތުތަކުގައި މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. "ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ހުރިހައި ރައްޔިތުންނަށް މިފުރުޞަތުގައި އިލްތިމާސް ކުރަމެވެ." ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ކަނޑު ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ