އަބްދުﷲ ގާޒީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރީ ގައުމީ ސަލާމަތަށްޓަކައި: ތޮލްހަތު

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ނުކުރާ ކަމަށާއި ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ޑިފެންސް މިނިސްޓާ ތަލްހަތު އިބްރާހިމް ކަލޭގެފާނު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތު ކޮމެޓީއަށް ތޮލްހަތު މިރޭ ހާޒިރު ކުރުމުން އަބްދުﷲ ގާޒީގެ މައްސަލާގައި އިދިކޮޅު މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް "ވަރަށް ކުރުކޮށް" ޖަވާބު ދެއްވަމުން ވިދާޅުވީ ކޯޓްތަކުން ކުރާ އަމުރުތަކަށް އެމްއެންޑީއެފުން ކިޔަމަންވެފައިވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އަބްދުﷲ ގާޒީ ދޫކޮށްލުމަށް އަމުރު ކުރުމުން އޭނާ ދޫނުކޮށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ގައުމީ ސަލާމަތަށް ޓަކައި ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބެއް ތަލްހަތު ވިދާޅެއް ނުވެ އެވެ.
އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކ. ގިރިފުށީގައި އަބްދުﷲ ގާޒީ ބަހައްޓާފައި ހުންނަތާ 20 ދުވަސްވެފައިވާ އިރު، ތަލްހަތު ވިދާޅުވީ އޭނާ ހައްޔަރު ނުކުރާ ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލުންނާއި އާއިލާއާ ބޭނުން ވަގުތެއްގައި ބައްދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަލްހަތު ވިދާޅުވީ މާލޭގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަމުންދަނީ ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި ކަމަށެވެ. އަދި ސާލާމަތީ ބާރުތަކުން އަމަލު ކުރަމުންދާ ގޮތާ މެދު ބަޔަކު ކިތަންމެ ވަރަކަށް ފާޑުކިޔަސް، އެފަދަ ކަންތައްތަކަށް ސިފައިން ބޯނުލަބާނެ ކަމަށް ތަލްހަތު ވިދާޅުވި އެވެ.
މިރޭގެ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ހޯމް މިނިސްޓަރު ހަސަން އަފީފާއި ތަލްހަތު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ޑީއާރްްޕީގެ ދެ މެންބަރަކު ވަނީ ކޮމެޓީން ވޯކައުޓް ކުރައްވައިފަ އެވެ.
އަބްދުﷲ ގާޒީގެ މައްސަލާގައި ޝަރުއީ ކޯޓްތަކުން އަސްކަރިއްޔާގެ މައްޗަށް އަމުރު ކުރުމުން ވެސް އެމްއެންޑީއެފުން ކިޔަމަންވެފައިނުވެ އެވެ. އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ އޭނާ ހައްޔަރުކޮށްފައި ވާނީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ކަމަށްވާތީ ވަގުތުން އޭނާ ދޫކޮށްލުމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ އޭނާ ދޫކޮށްލުމަށް އެމްއެންޑީއެފަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ