ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޓަގެއް މޫސުން ގޯސްވުމުން އިއްޔެ ރާއްޖެ އަށް ބަނދަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިޓަގު ބަނދަރު ކޮށްފައި ވަނީ ހއ.އުލިގަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ ޓަގެއް އިއްޔެ ހަވީރު 15:00 ހާއިރު އުލިގަމު އިރުމަތީ ފަރާތުގައި ވަނީ ބަނދަރު ކޮށްފައި ކަމަށެވެ.
މިއުޅަނދު އުލިގަމުގައި ބަނދަރު ކޮށްފައި ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވެ ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި އެހީތެރިކަމަށް އެދިފައިވުމާއި އެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.
ކެޕްޓަން އާޒިމް ވިދާޅުވީ ޓަގުގައި 25 މީހުން ތިބި ކަމަށާއި ދަތުރު ކުރެވޭ ވަރަށް މޫސުން ރަނގަޅު ވުމުން އެޓަގު ފުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއުޅަނދުގައި ހަތިޔާރު ހުރިކަން ނުވަތަ ނޫންކަން ކެޕްޓަން އާޒިމް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިފަދަ އުޅަނދުތަކުގައި ބޯޓުގެ ސަލާމަތައްޓަކައި ހަތިޔާރު ގެންގުޅެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި މޫސުން ގޯސްވިއިރު މިއުޅަނދު ދަތުރުކުރަމުން ދިޔައީ އޭ ޑިގްރީ ޗެނަލްގެ ބޭރުގައެވެ. މިއުޅަނދު ރަޖިސްޓްރީ ކޮށްފައި ވަނީ ޑޮމިނިކަން ރިޕަބްލިކަށެވެ. އުޅަނދު އޮޕަރޭޓް ކުރަމުން ދަނީ އިންޑިއާ ކުންފުންޏަކުންނެވެ.
ގިނަ ބަޔަކު ތިބި ޓަގެއް މޫސުން ގޯސްވުމުން ރާއްޖެއަށް ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ