30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބު ކުރުމާއި ގުޅިގެން އެ ކާމިޔާބީ ފާހަގަ ކުރުމަށް ރާއްޖޭގައި ހާއްސަ ހަރަކާތެއް އޮންނާނެ ކަމަށް ލިވަޕޫލްގެ ސަޕޯޓަރު، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ލިވަޕޫލްގެ މިކާމިޔާބީއަކީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު ލިބުނު ކާމިޔާބީއެއް ކަމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ލިވަޕޫލްގެ ކުޅުންތެރިޔެއް ގެނެސް ރާއްޖޭގައި ތިބި ލިވަޕޫލް ސަޕޯޓަރުންނާ އެކު، ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމަވައިފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރިއަށް ގެންދާނީ ކޮވިޑް 19 އާ ގުޅިގެން ދިމާވެފައި މިވާ ހާލަތު ރަނގަޅުވުމުން ކަމަށާއި މިހާލަތުގައިވެސް އޮންލައިންކޮށް ކާމިޔާބީ ފާހަގަ ކުރުން ކުރިއަށް ދާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މިކާމިޔާބީ ފާހަގަ ކުރަން ކަންތައްތަކެއް ހިންގާނަން. ވަރަށް ކުލަގަދަކޮށް. އެހެން ނަމަވެސް މިވަގުތު ހާލަތު އޮތްގޮތުން ގިނަ މީހުން ތަންތަނަށްގޮސް އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ނޫން. އެހެންވީމަ މިވަގުތު އަޅުގަނޑުމެން އޮންލައިންކޮށް އެއްބަޔަކު އަނެއްބަޔަކާއި ވާހަކަދައްކާލައި، އުފާވެރިކަމުގެ ޝުއޫރު ފާޅުކޮށް އެކަންތައްތައް ކުރާނަން. އެހެންނަމަވެސް ހާލަތު ރަނގަޅުވީމަ ﷲ އިރާދަކުރެއްވިއްޔާ ހަމަ ވަރަށްބޮޑަށް މި އިހްތިފާލް ބާއްވާނަން. ހިތަށް އަރައިގެން މިއުޅެނީ ވާން އޮތީ ވިއްޔާ އަޅުގަނޑުމެން ލިވަޕޫލްގެ ކޮންމެވެސް ކުޅުންތެރިޔަކަށް ދައުވަތު ދީގެން އޭނަ މާލެ ގެނެސް އޭނައާ އެކީގައި މި ސެލެބްރޭޝަން ބާއްވާނީ އޭ. އިރާދުކުރެއްވިޔާ އެކަން ކުރާނަން" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ލިވަޕޫލް އަށް ސަޕޯޓް ކުރަން ފެށިތާ މިހާރު ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި އެންމެ ފުރަތަމަ އެޓީމަށް ސަޕޯޓް ކުރަން ފެށީ އިނގިރޭސި ފަސްޓް ޑިވިޝަންގައި އެޓީމް ކުޅެންފެށި ހިސާބުން ކަމަށެވެ. އަދި ފުރަތަމަ ލިވަޕޫލް އަށް ސަޕޯޓް ކުރަން ފެށިއިރު ޓީވީތަކުން މެޗްތައް ލައިވް ނުކުރާ ކަމަށާއި ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ޓީމާ ގުޅޭ މައުލޫމާތު ހޯދައި ޓީމުގެ މެޗްތަކުގެ މައުލޫމާތު ހޯއްދަވާ ކަމަށެވެ.
ލިވަޕޫލް އަށް ސަޕޯޓް ކުރައްވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ލިވަޕޫލް އަކީ 1970 އަދި 1980ގެ އަހަރުތަކުގައި އިނގިރޭސި ވިލާތުގައި އެންމެ މޮޅަށް ކުޅުނު ޓީމް ކަމަށެވެ. އެހެންކަމުން އޭރުއްސުރެ އެޓީމަށް ލޯބި ޖެހިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. "އޭރު ޕްރިމިއާ ލީގެއް ނުކިޔާ. ޕްރިމިއާލީގު ކިޔަންފެށީ 1992 ގަ. އޭގެ ކުރިން އޮންނަނީ ފަސްޓް ޑިވިޝަން. އެހެން އޮތްއިރުވެސް އެމީހުން އެ އޮތީ 18 ފަހަރު އެމުބާރާތް ކާމިޔާބުކޮށް އެއްވަނަ ހޯދާފަ. ދެން މިފަހަރު ލިބުނީމަ އެވީ އޮނަވިހި ވަނަ ފަހަރު އެންމެ މަތީ ލީގު ހޯދާ. އޭރުވެސް އަޅުގަނޑު ވަރަށް ސަޕޯޓްކުރަން ލިވަޕޫލް އަށް" ރައީސް މައުމޫން "ވަން" އަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެންމެ ކުރިން ލައިވްކޮށް މެޗް ނުބެލުނު ނަމަވެސް އެޓީމަށް ކުޅޭ މޮޅެތި ކުޅުންތެރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. މިހާރު ލައިވްކޮށް މެޗްތައް ބައްލަވާކަމަށާއި ހާލުކޮޅު ރަނގަޅު ނަމަ ލިވަޕޫލްގެ ހުރިހާމެޗެއްވެސް ބައްލަވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ލިވަޕޫލް އަށް ލީގު ކަށަވަރުވެގެންދިޔައީ އިއްޔެރޭ ޕްރިމިއަ ލީގުގައި ޗެލްސީ އާ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުން ސިޓީ ބަލިވުމާ ގުޅިގެން ނެވެ. ލިވަޕޫލް އިން ލީގު ކާމިޔާބު ކޮށްފައި މިވަނީ ބާކީ ހަތް މެޗް އޮއްވައެވެ.
ލިވަޕޫލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ރާއްޖޭގައި އޮންނާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ