ޕީޕީއިން ބާއްވާ "އެންމެ ފަހުގެ ކެންޕެއިން" ވެހިކަލް ބުރު މިއަދު ހަވީރު

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ކެންޕެއިން ނިންމާލުމަށް ބާއްވާ ވެހިކަލް ބުުރު މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާން ކުރައްވަމުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުއްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވީ މިއަދުގެ ވެހިކަލު ބުރު ފެށޭނީ ހެންވެއިރުގައި ހުންނަ ކުރީގެ ޕީޕީއެމްގެ އޮފީސް އަދި މިހާރު ކެންޕެއިން ޖަގަހަ ކުރިމަތިން ކަމަށެވެ.
ޕީޕީއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ މި ބުރުގައި ބައިވެރިވާ 3:30 އިން ފެށިގެން ކުރިޔަށްދާނެއެވެ. އަދި މިބުރުގައި އަމިއްލަ ސައިކަލުގައިވެސް ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންނަށް އެތަނުގައި ޚާއްސަ ކުރެވިފައިވާ ލޮރީގައިވެސް ދެވޭނެ ކަމަށް ޕީޕީއެމްއިން ހާމަ ކުރެއެވެ. މިބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ބްރިޖް ސަރަހައްދުންނެވެ.
"މަޖީދީމަގުން ހުނޅަގަށްގޮސް ވަށާލާފައި ރިންގް ރޯޑްއަށް. މާނައަކީ ބޮޑުތަކުރުފާނު މަގުގެ މާލޭ ހުޅަނގުގެ ދެކުނު ސަރަހައްދުން އައިސް، އިރުމައްޗަށް ދަތުރުކޮށް ބްރިޖްއާ ހަމައަށް އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަނީ" ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްއިން އިންތިޒާމްކޮށްގެން މާލޭގައި ވެހިކަލް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕީޕީއެމްއަށް ތާޢީދު ކުރާ ސަޕޯޓަރުން އިސްނަގައިގެން ރާއްޖޭގެ ބިންބޮޑު އެކި ސަރަހައްދުތަކުގައި މިއަދު ލޮރީ ބުރުތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ގަން ފޮނަދޫ ސަރަހައްދުގައްޔާއި ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ވެހިކަލު ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ