ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަނިޔާވެރި ގަތުލަކުން ގަތުލުކޮށްލާފައިވާ މައްސަލައާއި ގުޅިގެން ލިބިވަޑައިގެންފައި ހުރި މައުލޫމާތުތައް ހިއްސާކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ އަފްރާޝީމް އަލީގެ މަރާގުޅޭ ގިނަ މައުލޫމާތުތަކެއް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން އަބްދުﷲ ރިޔާޒަށް އެގިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކުދަނީ ބުނަމުންނެވެ. އަދި އެމައްސަލައާއިގުޅިގެން ގިނަ ފާޑުކިޔުންތައްކެއްވެސް ރިޔާޒަށް ވަނީ ކުރިމަތިވެފައެވެ.
އާދީއްތަ ދުވަހުގެރޭ ވީޓީވީގެ ”ފަސްމަންޒަރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ ޑރ އަފްރާޝީމް އަލީގެ މަރާގުޅޭ ތަހުގީގު ކުރިއަށް ގެންދިޔުމަށް އެމަނިކުފާނުގެ ސީޕީކަމުގައި އަހަރު ދުވަސް ލިބިވަޑައިގަތް ކަމަށެވެ. އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ތަހުގީގު ހިގަމުންދިޔަ މިންވަރާ ގުޅޭގޮތުން އޭރު މީޑިއާއާ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުން އެންމެ ކަންބޮޑުވަނީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ޑރ.އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް ވާހަކައެއް ނުދެކެވުމުން ކަމަށާއި ތަހުގީގަށް ވީގޮތް ނޭގުމުން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އެމަނިކުފާނު ދުރަށް ވަޑައިގަތްއިރު އެމައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށާއި، ތަހުގީގުގައި ސީޕީގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ހުރި މައުލޫމާތުތަކަކީ ޕަބްލިކްގައި ނުވަތަ ސޯޝަލް މީޑިއާގައި ދެއްކޭނޭ ވާހަކަތަކެއް ނޫން ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނުވަތަ ޝަރުއީ ކޯޓެއްގައި ވިޔަސް އަދި ރިޔާސީ ކޮމިޝަނެއްގައި ނުވަތަ ފުލުހުންގެ މުއައްސަސާގެ ތަހުގީގުގައި ނަމަވެސް އޭރު ލިބިވަޑައިގެންފައި ހުރިހުރިހާ މައުލޫމާތުތައް ހިއްސާކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
”ޑރ އަފްރާޝީމް މަރުގެ މައްސަލައާއި ގުޅިގެން ވަރަށް ގިނަ މައުލޫމާތު ހުންނާނެ. ލިބޭ ހުރިހާ މައުލޫމާތަކީ ސޯޝަލް މީޑިއާގައި ނޫނިއްޔާ ޕަބްލިކޮށް އަޅުގަނޑަށް ދެއްކޭނެ ވާހަކަތަކެއް ނޫން. އަދި އެއީކީ މީޑިއާގައި ދެއްކޭނެ ވާހަކަތަކެއްވެސް ނޫން. ސަބަބަކީ އަދިވެސް އެއީ ކްލޯޒްޑް ކޭސް (ނިމިފައި އޮތް މައްސަލައެއް) ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.“ އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
އަނިޔާވެރި ގަތުލަކުން ޑރ އަފްރާޝީމް ގަތުލުކޮށްލާފައި ވަނިކޮށް ފެނިފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އޭރު އެމަނިކުފާނު ދިރިއުޅުއްވަމުންގެންދެވި ހ.ފުންވިލުގޭ ސިޑިމަތިންނެވެ.
ޑރ.އަފްރާޝީމް މައްސަލާގައި ލިބިފައި ހުރި މައުލޫމާތު ހިއްސާކުރަން ތައްޔާރު: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ