ރޮނާލްޑޯގެ 933 ވަނަ ލަނޑާއެކު އަލް ނަސްރަށް އަމިއްލަ ދަނޑުގައި އުނދަގޫ މޮޅެއް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަލް ރިޔާދުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން އަލް ނަސްރަށް 57 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 27 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެންޕިއަން އަލް ހިލާލަށް 27 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް ރިޔާދު ލީގުގައި ކުޅުނު 27 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައިވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އަލް ހިލާލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ރިޔާދު އެންމެ ފަހުން ކުޅުނު މެޗުގައި ޑަމަކް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.
Advertisement
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ހުސް ދެފުރުސަތުގެ ބޭނުން ނުކުރެވިދިޔައިރު، އަލް ރިޔާދުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފާއިޒް ސެލެމާނީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ރިޔާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އަލް ނަސްރުން ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން ޑިފެންޑަރު އަލީ ލަޖަމީގެ ބަދަލުގައި އެމެރިކް ލަޕޯޓް ކުޅެން ނުކުތްއިރު، ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް ނަސްރުން މެޗުގެ ލީޑުހޯދި ލަނޑު ފަހުހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ އުމުރުން 40 އަހަރުގެ ރޮނާލްޑޯ މިސީޒަނު ސައުދީ ލީގުގައި ކުޅުނު 26 މެޗުގައި ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. އަދި ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 933 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ރިޔާދުގެ ޑިފެންޑަރު އަހުމަދު އަސިރީއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ