ކައުންސިލްގެ ދައުރު ހަމަވާން ދޮޅުއަހަރު އޮތްނަމަ ބައި-އިލެކްޝަން ނުބާއްވަން ފާސްކޮށްފި

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެންބަރުންގެ ދައުރު ހަމަވާން 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ނުބާއްވާ ގޮތަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބައި-އިލެކްޝްނަތައް އިތުރަށް މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ އެވެ. މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހަޅައި، އަންގާރަ ދުވަހު ބަލައިގެންފައިވާ އެ ބިލުގެ މަސައްކަތް ރޭ ދަންވަރު ކޮމެޓީން ނިންމާލާފައި ވަނީ އެންމެ 11 މިނެޓުންނެވެ. ކޮމެޓީ ބައްދަލުވުން ބާއްވާފައި ވަނީ ރޭ ދަންވަރު 12:30ގަ އެވެ. މިއީ މި ބިލުގެ މަސައްކަތް ކުރުމަށް ބޭއްވި ހަމައެކަނި ބައްދަލުވުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެންބަރުންގެ ދައުރު ހަމަވާން 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ. އެގޮތަށް އިސްލާހު ހުށަހެޅުއްވީ ބައި-އިލެކްޝަންތައް މަދުކޮށް، އެކަމަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތަކީ ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ.މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭ 17 ވަނަ ދުވަހު އެވެ.
މަޖިލީހުގެ މި ހިނގާ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މި ބިލު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
ރައްޔިތުންނާ ގުޅުން މިފަދަ މުހިންމު ނިންމުމެއް އެކަށީގެންވާ ގޮތެއްގައި ހިޔާލު ނުހޯދައި، މިހާ އަވަސް އަރުވާލައިގެން ނިންމަން އުޅޭތީ، އިދިކޮޅު އެމްޑީޕީ މެމްބަރުން ވަނީ މި ބިލަށް ތާއީދުކުރެވެން ނެތް ކަމަށް ބަހުސްގެ ތެރެއިން ވިދާޅުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ