މި މަހު 28، ގެ ރޭ އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ދިވެހި ފިލްމު "އަބަދަށް" ގެ ޓިކެޓު ގަންނަން ގިނަ ބަޔަކު ބޭނުންވެ، ބާރުބޮޑުވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނޫރައްދީނު ނާސިރު ބުނެފި އެވެ.
ނޫރައްދީން ބުނީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި ހަތަރު ޝޯގެ ޓިކެޓު ވިކި ހުސްވެފައިވާ ކަމަށާއި މިއަދު ވިއްކަމުން ދަނީ ފަސްވަނަ ޝޯގެ ޓިކެޓު ކަމަށެވެ.
'ލޫދިފާ" އާއި 'ހޭލާ' އަދި 'ހެޕީ ބާތު ޑޭ' ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ 'އަބަދަށް' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓްގެ އަގަކީ 200ރ. އެވެ. މިހާރު ވިއްކަމުންދާ ހުރިހާ ޝޯއަކުން ވެސް ސީޓެއް ވިއްކަނީ 150ރ. އަށެވެ.
މި ފިލްމަކީ މަޝްހޫރު ބަތަލާ ވާޝިޔާ މުހައްމަދު އާއި އަހުމަދު ޝާރިފް ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުން ފެނިގެންދާ މުހިންމު އެހެން ތަރިންގެ ތެރޭގައި ތަޖުރިބާކާރު ދެ އެކްޓަރުން ކަމުގައިވާ ޔޫސުފް ޝަފީއު އާއި ކޮޕީ އިސްމާއިލް ރަޝީދު ހިމެނެ އެވެ.
މީގެ އިތުރުން ބައިސްކޯފުގެ "ގަމިނި" ޑްރާމާއިން ވިދާލި ސޫޒަން އިބްރާހިމްފުޅު ވެސް ފިލްމުގައި ވަރަށް ވަރުގަދަ ރޯލަކުން ފެނިގެންދާނެ އެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު މޫމިން ބުނެފައި ވަނީ މިއީ ހަމަ ކޮންމެ ދިވެއްސެއްގެ ވެސް އިހުސާސްތައް ބޮޑު ސްކިރީނަށް ގެނެސްދޭނެ ފިލްމެއް ކަމަށެވެ.
ވަކިން ހާއްސަކޮށް ތޮއްޖެހިފައިވާ މާލޭގެ ކުށުގެ ވެއްޓާއި ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ތެރޭގައި ހާސްވެފައިވާ މީހުންނަށް މި ފިލްމުގެ ޕްލޮޓް ހާއްސަވެފައި ނޭވާހާސްކޮށްލާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ ހަމަ ދިވެހި ކޮންމެ އާއިލާއެއްގެ ވެސް ވާހަކަ. ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންގެ އިހުސާސްތައް މި ފިލްމުން ފެނިގެންދާނެ،" މޫމިން ބުންޏެވެ.
މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުން އަންނައިރު 7447555 ނަމްބަރަށް ގުޅައިގެން ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.
"އަބަދަށް" ގެ ޓިކެޓަށް ބާރުބޮޑުވެއްޖެ، ފަސްދުވަސްތެރޭ ހަތަރު ޝޯގެ ޓިކެޓު ވިކި ހުސްވެއްޖެ "އަބަދަށް" ގެ ޓިކެޓަށް ބާރުބޮޑުވެއްޖެ، ފަސްދުވަސްތެރޭ ހަތަރު ޝޯގެ ޓިކެޓު ވިކި ހުސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ