ވައްކަން ކުރި މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ

ކ. މާފުށީގައި ވަށްކަންކުރި ކަމުގެ ތުހުމަތުވާ މީހެއްގެ ގަޔަށް ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކ. މާފުށީގެ ފިހާރައަކުން ވަށްކަން ކުރި ކަމުގެ ތުހުމަތުކޮށް ބަޔަކު ވަނީ އޭނާ މަގުމައްޗަށް ނެރެ މުޅި ގައިގާ ކުލަ އުނގުޅުވާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އޭނާގެ ބޮލަށް ކުލަ ފާޓާއެއް ވެސް އެ މީހުން އަޅާފައިވެ އެވެ. އަދި "މަށަކީ ވައްކަން ކުރާ މީހެއް" ކަމަށް ޖަހާފައިވާ ގަނޑެއް ހިފައިގެން ވެސް އޭނާ މަގުމަތީގައި ބަހައްޓުވާފައި ވެއެވެ. އޭނާ އެ ތަނުން ގެންގޮސްފައިވަނީ ފުލުހުން އައިސްފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނި ގޮތުގައި މާފުށީގައި މީހެއްގެ ގަޔަށް ކުލަ ޖެހި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް މީހަކަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަށްކަން ކުރި ކަމަށް ބުނާ އެ މީހާގެ ގަޔަށް ކުލަ ފާޓާ އަޅައި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. އަދި މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމު ނުކުރުމަށާއި ކުށްވެރިންނަށް އަދަބު ދިނުމުގެ ގޮތުން ވިޔަސް އެފަދަ ލާއިންސާނީ އަމަލުތައް އަމިއްލަ ފަރުދުން ނުހިންގުމަށް އެޗްއާރްސީއެމުން ވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ