ގޮންޖެހުންތަކާއެކު ވެސް ލޯފަން ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކޮށް ނަމޫނާ ދައްކައިފި
ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ލޯފަން ނުވަ ދަރިވަރަކު ރޭ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފިއެވެ. އެގޮތުން، ރޭ މާސްޓާސް ހާސިލުކުރި ނުވަ ދަރިވަރުންގެ ތެރޭގައި ހިމެނެނީ: އަހުމަދު އަޝްރަފް އަހުމަދު ފަޔާޒް ޒުބައިރު މަހަމޫދް ހުސައިން ޝަޔާޒް އަބްދުﷲ ޝާޒްލީ މޫސާ މުޙައްމަދު ސޯލިހް ހުސައިން ޝަރީފް އަބްދުއްރަޝީދް މުޙައްމަދު ޖުލޫދް އެ ދަރިވަރުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެއްބަނޑުއެއްބަފާ ތިން ކޮއްކޮ ހިމެނެއެވެ. އެއީ، ހުސައިން ޝަޔާޒާއި މޫސާ މުޙައްމަދު ޞާލިޙްގެ އިތުރުން އަބްދުﷲ ޝާޒްލީއެވެ. ރޭ މާސްޓާސް ޑިގްރީ ހާސިލުކުރި ލޯފަން ދަރިވަރެއް --- ފޮޓޯ/ އަބްދުއްރައްޒާގު އެ ތިން ބެއިންގެ އިތުރުން އަބްދުއްރަޝީދަކީ ހާފިޒުން ކަމަށްވާއިރު، ޖުލޫދު ނޫން ހުރިހާ ދަރިވަރުންނަކީ ލޯފަން ކުދިންގެ ޖަމިއްޔާގެ އެކި މަގާމުތަކުގެ މެންބަރުންނެވެ. ލޯފަން ކުދިންގެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު އަބްދުއްރައްޒާގު 'ސަން'އަށް ވިދާޅުވީ، ލޯފަން ދަރިވަރުން އެންމެ ފުރަަތަމަ ކިޔަވަން ފެށިއިރު ވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން މިހާރު ވެސް، ކޯހުގެ އެސައިމަންޓުތައް ހަދަނީ މީހުން ކައިރިން މައުލޫމާތު ހޯދައިގެން އަޑު އަޅައި، ލެކްޗަރާއަށް ފޮނުވައިގެން ކަމަށެވެ. އަދި، ޓެސްޓުތައް ހަދަނީ ދަރިވަރުން ލައްވާ ކުރާ ރެކޯޑިން އަޑުއަހައިގެން ހިތުދަސްކޮށްގެން ކަމަށް އަބްދުއްރަގްޒާގް ވިދާޅުވިއެވެ. "އެގޮތަށް ހަމަ ވަރަށް ދަތީގައި ކިޔެވުން ދިޔައީ. އެޑްވާންސް ޑިޕްލޮމާ ނިންމާފައި 2020ގައި ފުރަތަމަ ޑިގްރީ އިސްލާމިކް ޔުނިވާސިޓީން ނިންމީ. ދެން މާސްޓާސް އެ ނިންމީ އެ ނުވަ ދަރިވަރުން" އަބްދުއްރައްޒާގު ވިދާޅުވިއެވެ. ރޭ މާސްޓާސް ޑިގްރީ ނިންމައި، ސަނަދު ހާސިލުކުރި ލޯފަން ދެ ދަރިވަރުން ---- ފޮޓޯ/ އަބްދުއްރައްޒާގު ރޭގެ ދަސްވެނިވުމަށް ފަހު، ލޯފަންކުދިންގެ ޖަމިއްޔާގެ ރައީސް ހުސައިން ޝަރީފް ވިދާޅުވީ، މި ނުވަ ދަރިވަރުން މާސްޓާސް ޑިގްރީ ހާސިލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. ލޯފަން ދަރިވަރެއްގެ ހައިސިއްޔަތުން ހުސައިން ޝަރީފް އެޑްވާންސް އަދި ޑިޕްލޮމާ ނިންމީ ގައުމީ ޔުނިވާސިޓީންނެވެ. އޭގެފަހުން، އައިޔޫއެމްއިން ޑިގްރީ އަދި މާސްޓާސް ވަނީ ހާސިލުކޮށްފައެވެ. "އަޅުގަނޑުމެން މި ކުރި މަސައްކަތް ފެނިގެން މުއައްސަސާތަކުން ވެސް ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅުކޮށް، އަޅުގަނޑުމެން ފަދަ އަންނަން ތިބި މުސްތަގުބަލަށް، ދަތިކަންކަން ތަޖުރިބާ ކުރަން ނުޖެހުން ދުއާއަކީ" އޭނާ ވިދާޅުވިއެވެ. އުންމީދަކީ މުސްތަގުބަލުގައި ލޯފަން ކުދީންނަށް ކިޔެވުމުގައި އޭނަ ތަޖުރިބާ ކުރި ފަދަ ކަންކަން ތަޖުރިބާ ކުރަން ނުޖެހުން ކަމަށް ހުސައިން ޝަރީފް ވިދާޅުވިއެވެ. މި ނުވަ ދަރިވަރުންގެ ކަމިޔާބީއާއެކު ސޯޝަލް މީޑިއާ ފުރިފައި ވަނީ ތައުރީފާއި މަރުހަބާގެ ބަސްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ