މިއަހަރު ރ. ރަސްމާދޫގެ ތަރައްޤީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. ރަސްމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެ މަޝްރޫޢު ކުރިއަށްގެންދެވޭނެ ގޮތްތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ މަޝްރޫޢު ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދޭ އެއް ދާއިރާއަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭ ރަސްމާދޫގައި ވެސް މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެރަށު ސްކޫލުގައި މިހާރު ވެސް ކުރިއަށްދާ ތިން ބުރީގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ޓަކައި ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލުގެ ޖާގައިގެ ދަތިކަމަށް އެ މަޝްރޫއުގެ ސަބަބުން ބޮޑު ލުއިޔެއް ލިބިގެންދާނެ ކަމަށާއި، ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ކުޅިވަރުގެ ދާއިރާއިން އެރަށުގެ ވަސީލަތްތައް ގާއިމްކުރުމަށް ޓަކައި ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމާއި ޔޫތު ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާދޫގައި ފުލުހުންގެ ހިދުމަތް ދެމުން ނުދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެކަމަށް އިސްކަންދެއްވައި ފުލުހުންގެ މަރުކަޒެއް ޤާއިމްކޮށް ޚިދުމަތް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރަސްމާދޫ އެންޓަނާ އެހެންތަނަކަށް ބަދަލުކުރަން އެ ރަށުގެ ރައްޔިތުން ބޭނުންވާތީ އެކަމަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާދޫ ތަރައްޤީއަށް ކަނޑައަޅުއްވާފައިވާ މަޝްރޫއުތައް މިއަހަރު ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރަސްމާދޫގެ ތަރައްޤީއަށް ރައީސްގެ ގިނަ ވައުދުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ