ފަނޑިޔާރުން މަދުކުރަން ބިލެއް ހުށަހެޅިޔަސް އެއީ މަޖިލިސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމެއް ނޫން: އަބްދުއްރަހީމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަދި ބިލެއް ހުށަހެޅިޔަސް އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުންކުރުމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ބަލައެއްނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ހުށަހެޅި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓަށް ބަހުސްކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މީކާއިލް ވިދާޅުވީ މީގެކުރީގެ މަޖިލިސްތަކުގައި އަމަލުކުރަމުންދާ ގޮތާ ކަނޑައެޅިގެން ޚިލާފަށް މިހާރު މަޖިލީހުން އަމަލުކުރަމުންދާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަހުސްގެ ތެރެއަށް ރިޔާސަތުން ވަންނަވާކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. މީކާއިލް އެފަދައިން ވިދާޅުވީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރުމަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައި އޮއްވައި، މިއަދު މީކާއިލް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ. އަދި މާލިއްޔަރު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމުގެ ބަދަލުގައި އެ މައްސަލައަށް ވާހަކަދެއްކެވުމުން ރިޔާސަތުން ވަނީ މެންބަރުގެ ވާހަކައަށް ތަކުރާރުކޮށް ހުރަސްއަޅައި، ހުށަހެޅިފައިއޮތް ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންފައެވެ. ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް -- ފޮޓޯ/ މަޖިލިސް މީކާއިލް ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަނީ ޕީއެންސީން ރާވައި އިންތިޒާމްކޮށްގެން ކަމަށެވެ. އަދި އެކުރާ ކަންތައްތައް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައިފައެވެ. އަދި އެކަން ކުރަނީ ސީދާ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ އެންމެ މަތީ ކޯޓަށް އަތް ބޭނުމުގެ ބޭނުމުގައި ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ. "ދިވެހިރާއްޖޭގެ ދުސްތޫރާ ގުޅުން ހުރި އެންމެ ބޮޑު މައްސަލަ، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި އޮތް ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލިސް ހަތިޔާރަކަށް ބޭނުންކޮށްގެން އިއްޒަތްތެރި ރައީސް ރައްޔިތުންގެ މަޖިލިސް ހަތިޔާރަކަށް ބޭނުންކޮށްގެން...،" މީކާއިލްގެ ވާހަކަ މެދުކަނޑާލައްވައި އަބްދުއްރަހީމް ވަނީ އެ ވާހަކައަށް ރައްދު ދެއްވައިފައެވެ. "އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫން. ރައްޔިތުންގެ މަޖިލީހަކީ މުތުލަގަށް ގާނޫނުއަސާސީއާ ގާނޫތަކަށް ބަދަލުގެނެސް، ގާނޫނުތައް ހަދާ، ގާނޫނުތައް އިސްލާހުކުރުމުގެ ބާރު އޮންނަ މަޖިލީހެއް. އެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުންކުރަނީއޭ ވިދާޅުވާ ވިދާޅުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން -- ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަނީ، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަންކުރާ އިތުރު ހަ ފަނޑިޔާރުންނާއެކު ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އައު ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް އެންމެ ފަހުން ބަދަލުގެނައީ އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަހަކަށް މަދުކުރި ބެންޗު، ހަތެކަށް އަނެއްކާ ވެސް އިތުރުކުރުމަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ: އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަހާރު އަލީ ޒާހިރު ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ޖޭއެސްސީއަށް ނޮވެމްބަރު 23، 2023ގައި އެ މަނިކުފާނު އައްޔަންކުރެއްވި މުޙައްމަދު ސަމީރު މަގާމުން ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފައެވެ. އެމްޑީޕީން ވަނީ، މިދިޔަ މަޖިލިސް އިންތިޚާބުގައި ޔަޒްމީދު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށްފައެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާގައި ތަޖުރިބާ ހުރި މީހެއް ނޫން ކަމަށާއި އެހެންވެ، މި ބަދަލު ގެނައި ވަގުތުގެ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ