އަހަރުގެ ފުރަތަމަ ތިން ހަފުތާ ދައުލަތަށް ލިބުނު އާމްދަނީ ދަށަށް އަހަރުގެ ފުރަތަމަ ތިން ހަފުތާ ދައުލަތަށް ލިބުނު އާމްދަނީ ދަށަށް

މި އަހަރުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭ ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު ދަށަށް ގޮސްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 1.58 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 1.33 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ 250 މިލިއަނުގެ ތަފާތެކެވެ.
ވަކި ވަކި ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފުތާގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 220 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލިބުނީ 89 މިލިއަން ރުފިޔާ އެވެ.
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު ވަރު މަދުވެފައިވާއިރު މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ގެންނަ ގިނަ ތަކެތީގެ ޑިއުޓީ މައާފުވެ އެވެ.
މީގެއިތުރުން، މިދިޔަ އަހަރު ފަހުކޮޅު ބޮޑުކުރި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގައި ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފުތާގައި އެ ފީގެ ގޮތުގައި 61.3 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިއަހަރު ލިބުނީ 60 މިލިއަނެވެ.
ފުރަތަމަ ތިން ހަފުތާގައި ދައުލަތުން ކުރި ޖުމްލަ ހަރަދު ވަނީ ދަށްވެފަ އެވެ. ނަމަވެސް މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފުތާގައި މުސާރައާއި އިނާޔަތްތަކަށް ދައުލަތުން ހަރަދުކުރީ ނުވަ މިލިއަން ރުފިޔާ އެވެ. މި އަހަރު އެކަމަށް ކުރި ހަރަދު ވަނީ 152 މިލިއަނަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ