އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ދުވަހު މީޑިއާ ކޮންޓްރޯލު ގާނޫނު އުވާލާނަން: ފައްޔާޒު

އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ދުވަހު މީޑިއާ ކޮންޓްރޯލު ކުރާ ގާނޫނު އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ފާސްކުރި މީޑިއާތައް ކޮންޓްރޯލު ކުރާ ބިލާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ޝުއޫފު ފާޅު ކުރުމަށް ރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ތަފްސީލް - ފައްޔާޒު ވިދާޅުވީ އެމްޑީޕީން ދެން ވެރިކަމާ ހަވާލުވުމަށް ފަހު، ރައީސް މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ ގޯސްތައް ރަނގަޅު ކުރާނެ ކަމަށެވެ.
"ގާނޫނުއަސާސީ އިރާލުމުގެ ތެރެއިން އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން އިއާދަ ކުރާނަން. އަދި އެއަށް ވުރެ ފުރިހަމައަށް، އަލުން މިފަދަ މީހަކަށް އައިސް ގާނޫނުއަސާސީއާ ނުކުޅެވޭ ވަރު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
"މީޑިއާ ކޮންޓްރޯލު ބިލު [ގާނޫނު] އެއީ އެންމެ ފުރަތަމަ އުވާލެވޭނެ ގާނޫނެއް."
ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް ދައްޗަކަށް ވެފައި ހުރި ގާނޫނީ އެހެން ކަންތައް ވެސް ރައްޔިތުންގެ މަޝްވަރާ އާއެކު ބަދަލު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް އެ ބިލު އަދި ތަސްދީގެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އަދިވެސް އިތުރު މެންބަރުން ވަނީ އެ ބިލު ތަސްދީގުކޮށް ގާނޫނަކަށްވީ ނަމަވެސް އެއަށް އެމްޑީޕީން އަމަލު ނުކުރަން ފާސް ކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ޗެއާޕާސަން ފައްޔާޒު ވިދާޅުވީ ގާނޫނަށް އަމަލު ނުކުރަން ނިންމާނީ، އެމްޑީޕީން ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ 3 އޮކްޓޯބަރުގައި ދިވެހި ރައްޔިތުން ކަމަށެވެ.
އަންގާރަ ދުވަހު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނުގެ ދަށުން އައްޑޫ އެއް ސިޓީއެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި އަވަށްތައް ވަކިކޮށްލަން ވޯޓަކަށް ދާން ނިންމާފައިވާކަން އިއްޔެ ރައީސް އިއުލާނު ކުރައްވާފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ރޭ ވިދާޅުވީ ފުރަތަމަ ނަގަންވީ މި ސަރުކާރު ދެމި އޮންނަން ރައްޔިތުން ބޭނުންވޭތޯ ނަގާ ވޯޓެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް، ވަކި ވާހަކައެއް ނޫން ކޮންމެ ވާހަކައެއް. ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ހިލާފަށް އަމަލު ކުރައްވާފައި އޮތީ. މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް،" ފައްޔާޒު ވިދާޅުވި އެވެ.
"... އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފަރެންޑަމެއް ނަގާށޭ ވީ ވައުދުތަކާ ހިލާފަށް، އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތް ކުރީމާ ވެސް ރައްޔިތުން ތިމަންނަ ބޭނުންތޯ ނޫންތޯ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ