އެމެރިކާއިން ބޮއިކޮޓްކުރި ޖީ20 ސަމިޓް ނިންމާލައިފި

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ގާއިމު ކުރުމަށް އެއްބަސްވެ، ދެކުނު އެފްރިކާގައި ކުރިއަށް ދިޔަ ޖީ20 ސަމިޓް އިއްޔެ ނިންމާލައިފި އެވެ.
އެ އެއްބަސްވުން ފާސްކުރީ އެމެރިކާ އިއުތިރާޒުކޮށް އަދި ބޮއިކޮޓްކޮށްފައި ވަނިކޮށެވެ. ޖީ20 ސަމިޓުން ނިންމި ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި އިގްތިސާދީ ހަމަހަމަކަން ގާއިމް ކުރުން ހިމެނެ އެވެ.
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ، އެ އެއްބަސްވުމުން ދޭހަވަނީ ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކަށް ވުރެ "ހިއްސާވާ ލަނޑުދަނޑިތައް" ބޮޑުކަން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކުނު އެފްރިކާގައި ބޭއްވި ޖީ20 ސަމިޓުން ވަކިވާން ނިންމެވީ ދެކުނު އެފްރިކާގައި ދިރިއުޅޭ ބައިމަދު ދޮން މީހުންނާ ދޭތެރޭ ގެންގުޅޭ ހުދުމުހުތާރު ކަންކަމަށް އަމާޒުކޮށް މީހުން މެރުމާއި ބިންތައް އަތުލައިގަންނަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
މިއީ އެފްރިކާގައި ޖީ20 ސަމިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވޭތުވެ ދިޔަ ތިން އަހަރު އެ ސަމިޓް ބޭއްވީ އިންޑޮނޭޝިއާ، އިންޑިއާ އަދި ބްރެޒިލްގަ އެވެ. 
އަންނަ އަހަރު އެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކޯސްގަ އެވެ.
ސަމިޓް ނިމޭއިރު އަބަދު ވެސް ރިޔާސަތު ވަކި ގައުމަކާ ހަވާލު ކުރެ އެވެ. ނަމަވެސް މިފަހަރުގެ ސަމިޓް ނިންމާލީ ރިޔާސަތު ހަވާލު ނުކޮށެވެ. އެކަން އަންނަ ހަފުތާގައި ނިމޭނެ ކަމަށް ބެލެވެ އެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ޓްރަމްޕް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދޭދޭ ގައުމުތަކުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ވިދާޅުވީ އެމެރިކާ އިން އެ ބައްދަލުވުމުގައި ބައިވެރި ނުވުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ދުނިޔެ މިހާރު ދަތުރު ކުރަނީ އާ އަމާޒުތަކަކަށް ކަމަށެވެ. އަދި އާ ގުޅުންތައް އުފެދެމުން އަންނަކަން ވެސް އޭނާ ފާހަގަކުރެެއްވި އެވެ.
އޭގެ އިތުރުން، ޔޫކްރެއިން، ސޫދާން، ކޮންގޯ އަދި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އިންސާފުވެރި، ފުރިހަމަ އަދި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
ސޫދާންގެ ނޫސްވެރިޔާ ސައީދު އަބްދުالله ވިދާޅުވި ގޮތުގައި، ސޫދާން އޭގެ ތެރޭގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ