ޒުވާނުން ބާރުވެރިކުރުމަށް ބީއެމްއެލްގެ އެހީތެރިކަމާއެކު މިއަހަރުގެ 'ވަރަ' އެކްސްޕޯ ފަށައިފި

ވަޒީފާގެ ފުރުސަތުތައް ހޯދުމުގެ މަގު ފަހިކޮށްދީ ޒުވާނުން ބާރުވެރިކުރުވުމުގެ މަގްސަދުގައި ގައުމީ ބޭންކު ބީއެމްއެލްގެ އެހީތެރިކަމާއެކު 'ވަރަ' އެކްސްޕޯއެއް މިއަދު ފަށައިފިއެވެ. ބީއެމްއެލުން ބުނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ނުވަތަ ވަރަ އެކްސްޕޯ 2025ގެ މަގުސަދަކީ ވަޒީފާގެ ފުރުސަތުތަކާއި، ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް އެއް ތަނަކުން ހޯދުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދީ، ބާރުވެރިކުރުން ކަމަށެވެ. މި އަހަރުގެ ވަރަ އެކްސްޕޯގެ މައި ސްޕޮންސަރުގެ ހައިސިއްޔަތުން، އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވޭ ހަރަކާތްތައް ހިމެނޭ ޚާއްސަ ސްޓޯލެއް ގާއިމްކޮށްފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ސްޓޯލުން ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްތަކާއި އެކި ދާއިރާތަކުން ސްކޯލާޝިޕްގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ޖޮބް ކޯޗިންގެ އިތުރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއާ ގުޅޭގޮތުން ލަފާ އެރުވުން އޮންނާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނީ މި އަހަރުގެ ވަރަ އެކްސްޕޯ ހޮނިހިރު ދުވަހުގެ ރޭ 10 ޖަހަންދެން ކުރިއަށް ދާނެ ކަމަށެވެ. މިދިޔަ އަހަރުގެ އެކްސްޕޯއަށް 10 ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށްވެސް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ