ސަޕޯޓަރުން ކުރީ މަލާމާތް، ކޯޗު ބުނީ މޮރޮކޯ އޮތީ ހަކީމީގެ ފަހަތުގައި ކަމަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް އަތުން މޮރޮކޯ މޮޅުވި ނަމަވެސް ސަޕޯޓަރުންގެ މަލާމާތް ކެޕްޓަން އަޝްރަފް ހަކީމީ އަށް ރައްދު ވެއްޖެ އެވެ.
މިއީ އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕް މައްސަލައެއްގެ ތުހުމަތާ ހެދި އެވެ. ފްރާންސްގެ ކޯޓުން 2023 ވަނަ އަހަރު ނިންމި މި މައްސަލަ މިހާރު ވަނީ އިސްތިއުނާފު މަރުހަލާގަ އެވެ. މައްސަލައިގެ އިސްތިއުފާނު ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމީ މީގެ ދެތިން ދުވަސް ކުރިންނެވެ.
ނަމަވެސް މިކަމާ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހަކީމީއާ ދިމާކޮށްލައިފަ އެވެ. ނަމަވެސް ކޯޗު މުހައްމަދު އޮނާބީ ބުނީ މޮރޮކޯގެ މުޅި ޓީމު އޮތީ ހަކީމީގެ ފަހަތުގައި ކަމަށެވެ. އޭނާ މިހެން ބުނީ މިފަދަ މައްސަލައެއް އޮތުމުން ހަކީމީ އާމެދު ކަންބޮޑުވޭތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
"ކަލޭމެން މެޗު ބެލިންތަ؟ އަހަރެން އުއްމީދު ކުރަން ބެލި ކަމަށް. މި މެޗުގައި ހަކީމީ ތަފާތު މޮޅަށް ކުޅުނު. އޭނާ އެހުރީ ވަރަށް ހަމަ ޖެހިގެން. އަހަރެން ގަބޫލު ކުރަނީ އޭނާ މޮޅަށް ކުޅޭނެ ކަމަށް. އޭނާ ވަރަށް ހެނދުނު ތެދުވި ޓީމުގެ އެހެން ކުޅުންތެރިންނާއެކު. އަދި އެހެން ކުޅުންތެރިންނާއެކު އޭނާ ވަރަށް ރަނގަޅަށް އުޅުނު،" ކޯޗު ބުންޏެވެ.
"މިކަމުގައި އަހަރުމެން ވަކި އެއްޗެއް ބުނާކަށް ނެތިން. އަހަރުމެން އެންމެން މި ތިބީ އޭނާގެ ފަހަތުގައި. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކަނާތު ވިންގުކަން ސާބިތުކޮށްދޭނެ ކަމަށް އުއްމީދު ކުރަން. ކުޅުންތެރިންނާއި އަހަރުމެންނަށް މުހިންމީ އޭނާގެ ފަރާތުން މޮޅަށް ކުޅުން. މޮރޮކޯގެ 44 މިލިއަން މީހުން ވެސް އުއްމީދު ކުރާނީ އެކަމަށް،" ކޯޗު ބުންޏެވެ.
ރޭޕްގެ މައްސަލާގައި ހުކުރު ދުވަހު ހަކީމީ ބުނީ އޭނާގެ މައްޗަށް މައްސަލަ ރައްދު ކުރުވަނީ މަޝްހޫރު މީހަކަށްވުމުން ކަމަށާއި އެހެން ނޫންނަމަ ހެކި ނެތުމުން މި މައްސަލަ މިހާރު ކޯޓުން ވެސް ބޭރު ކުރީސް ކަމަށެވެ.
"އެކަމަކު އަހަރެންނާ ދިމާލަށް މި މައްސަލަ އަނބުރާލަން ފަސޭހަވާނެ. އަދި އަހަރެންނަށް ޓާގެޓް ކުރަން ވެސް ފަސޭހަ ވާނެ. އެއީ މިމައްސަލަ މިހާރު އަލުން ނަގައިގެން މިއުޅޭ ކަމަކީ،" ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ހަކީމީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ