ވަޅިއެއް ހިފައިންގެން ހުޅުމާލޭގެ ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ފިހާރައަކަށް ވަޅިއެއް ހިފައިން ވަދެ، އެތަނުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ. 
އެ ހާދިސާގެ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެމްއޭސީއެލް ފްލެޓުތައް ކައިރީ ހިނގި އެ ހާދިސާގެ ވީޑިއޯއިން ފެންނަނީ ވަޅި ހިފައިގެން އުޅުނު ކަމަށް ބުނާ މީހާ ހިފަހައްޓައިގެން އާންމުންތަކެއް އުޅޭ މަންޒަރެވެ. 
މާރާމާރީ ހިންގި ކަމަށް ބުނާ މީހާ ބިންމައްޗަށް ވެއްޓިފައި އޮތް އިރު، ބަޔަކު އޭނާ ގައިގައި ހިފައިގަނެ، މައިތިރި ކުރަން އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި އޭނާ ބިންމަތީގައި އޮއްވައި މީހަކު އޭނާގެ މޫނުމަތީގައި ފައިން ޖަހާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. 
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 
ދިވެހިރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ ކުށުވެ. ފުލުހުންގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1630 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. މާރާމާރީއަކީ ރާއްޖޭގައި ފަސް ވަނައަށް އެންމެ އާންމު ކުށެވެ. މާރާމާރީގެ 305 މައްސަލައެއް މިއަހަރު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ