ތުރުކީން ޖުމްލަ 62 ހަމަލާ ދިން، އެކަމަކު ލަނޑެއް ނުޖެހި ކަަޓައިފި

ކިތައްމެ ވަރަކަށް ވެސް ހަމަލާ އުފެއްދިދާނެ އެވެ. އެކަމަކު އިދިކޮޅު ގޯލަށް ބޯޅައެއް ވައްދާލުމަކީ އަދި އެހެން އޮންނަ ކަމެއް ނޫނެވެ.
މިއަދު ތުރުކީ ވޯލްޑް ކަޕުން އެ ކެޓީ އެކަން ސާބިތުކޮށްދީފަ އެވެ. ޕެރަގުއޭއިން މެޗުގެ ކުރީކޮޅު ލީޑް ނަގާފައި އޮއްވާ އެއް ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާ، 10 ކުޅުންތެރިންނާ އެކު މެޗުގެ ބޮޑު ބައި ކުޅުނަސް، ތުރުކީއަށް އޭގެ މޮޅެއް ނުފެނުނެވެ.
މުޅި މެޗުގައި 32 ހަމަލާ އުފެއްދި އެވެ. އޭގެ ތެރެއިން ފަސް ބޯޅަ ގޯލާ ވެސް ދިމާވި އެވެ. އެއް ހަމަލާ ގޯލަށް ނުވަނީ ހުރަސް ދަނޑި އާއި އަރިމަތީ ދަނޑީގައި ވެސް ޖެހިފަ އެވެ. މިފަހަރު ދެ ދަނޑި ވެސް އެވީ ހުރަހަކަށެވެ.
ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާ އަތުން 2-0 އިން ބަލިވި އިރު ތުރުކީން ޖުމްލަ 30 ހަމަލާ އުފެއްދި އެވެ. މުޅި މެޗުގައި ބޯޅަ ކޮންޓްރޯލްކުރީ ވެސް ތުރުކީ އެވެ. ނަމަވެސް އެއްކަލަ ލަނޑު ފެންނަ ވަރެއް ނުވި އެވެ.
ތުރުކީ މިވީ މިފަހަރުގެ ވޯލްޑް ކަޕްގައި ދެވަނައަށް ކެޓި ޓީމަށެވެ. ތުރުކީ އާއި ޕެރަގުއޭގެ މެޗު މިއަދު ހެނދުނު ފެށުމުގެ ކުރިން ބްރެޒިލް އަތުން 3-0 އިން ބަލިވެ މުބާރާތަށް ފުރަތަމަ އަލްވަދާއުކީ ހައިޓީ އެވެ.
ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޕެރަގުއޭގެ މިގުއެލް އަލްމިރޮންއަށް ދެއްކި ރަތް ކާޑު ތާރީހުގެ ތެރެއަށް ވަދެ އެވެ. އެއީ އިދިކޮޅު ކުޅުންތެރިޔާއާ ދިމާއަށް އަނގަމަތީ އަތް އަޅައިގެން ހުރެ އެއްޗެކޭ ބުނުމުންނެވެ. މިއީ ފީފާގެ އާ އުސޫލުގެ ދަށުން ދެއްކި ފުރަތަމަ ރަތް ކާޑެވެ.
ތުރުކީގެ މާޓް މުލްޑޫރާއާ ދިމާއަށް އަނގަ މަތީގައި އަތް އަޅައިގެން ހުރެ އެއްޗެކޭ ބުނެފައި އަލްމިރޮން އަތް ނެގި ވެސް މެ އެވެ. އެއީ ގޯހެއް ހެދުނު ކަމަށް ގަބޫލުކޮށްގެން ކަމަށް ބެލެވެ އެވެ. ނަމަވެސް މުލްޑޫރާ އާއި ތުރުކީގެ އެހެން ކުޅުންތެރިން ރެފްރީގެ ސަމާލުކަން އެކަން ގެނަ އެވެ.
ރަތް ކާޑު ދެއްކީ ވީއޭއާރު ބެލުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ