ކޯލްޑް ސްޓޯރޭޖްތައް އިތުރުވެގެންދިއުމަކީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއްޠަލިބް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީއަކީ 9500 ޓަނު ކަމަށާއި ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަދަދު 25،000 އަށް އިތުރުކުރުމަށް ކަމަށެވެ. އެގޮތުން، ވަރަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު 2027ގެ ނިޔަލަށް މި ޢަމާޒަށް ވާސިލުވެވޭނެކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
އެންމެ ބޮޑު ދެ ކޯލްޑް ސްޓޯރޭޖް ތަރައްޤީކުރަނީ ފެލިވަރު އަދި ކޫއްޑޫގައެވެ. އެއީ ކޮންމެ ފެސިލިޓީއެއްގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެވެ. މުއްޠަލިބް ވިދާޅުވީ، ތިނަދޫ ސިޓީގައި ޤާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި އަދި މުލަކަތޮޅު މުލަކުގައި ޤާއިމުކުރާ ފެސިލިޓީ މި އަހަރުގެ ޑިސެންބަރު 10 އަށް ނިންމާނެކަމަށެވެ. މީގެއިތުރުން، ގދ.ފިޔޯރީގައި 3000 ޓަނު އަދި ފ.ނިލަންދޫގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެއާއެކު، ފުނައްޑޫގައި ތަރައްޤީކުރާ 1300 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު، ސަރުކާރުން ކަނޑައެޅި ޢަމާޒަށްވުރެވެސް އިތުރަށް ފެސިލިޓީތައް ތަރައްޤީކުރެވޭނެކަމަށް މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މަސް ފިނިކޮށް، ރައްކާކުރެވޭނެ އެކަށީގެންވާ ނިޒާމުތައް ނެތުމަކީ މަހަށް ހަމަ އަގު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް މުއްޠަލިބް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މަސް ރައްކާކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން، އެންމެ އަވަހަށް ހުށައަޅާ އަގުގައި ބޭރުގެ ކުންފުނިތަކަށް މަސް އެކްސްޕޯޓް ކުރަން މަޖުބޫރުވާކަމަށާއި ނަމަވެސް، މި ފެސިލިޓީތަކާއެކު ރާއްޖޭގައި މަސް ރައްކާކޮށް، ވާދަވެރި ބާޒާރެއްގައި އަގު ހުށައަޅައިގެން އެންމެ ބޮޑު އަގެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
މުއްޠަލިބް ފާހަގަކުރެއްވިގޮތުގައި، މި ބަދަލު ވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު އަދި އެންމެ ހެޔޮ ބަދަލަށެވެ.
ކޯލްޑް ސްޓޯރޭޖްތަކާއެކު މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދެވޭނެ: ފިޝަރީޒް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ