ވަރީގެ ސަބަބުން ބޮޑަށް އަސަރުކުރަނީ ކުދިންނަށް: ވަޒީރު ޤީލާ

ދެމަފިރިން ވަކިވީނަމަވެސް މައިންބަފައިންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާ ދެމިއޮންނާނެކަމަށާއި އެޒިންމާ އަދާކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދޭންޖެހޭނެކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤިލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޢާއިލީ ގުޅުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުންވެސް ވަރީގެ ސަބަބުން ދެމަފިރިންނަށްވުރެ ބޮޑަށް ކުދިންނަށް އަސަރުކުރާކަން ދެނެގަނެވިފައިވާކަމަށެވެ.
ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާއި ގުޅެގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤިލާ ޢަލީވަނީ ދިރާސާ ރިޕޯޓުން ހާމަވީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، ޢާއިލާ ތެރޭގައި ދިމާވާ އެކި އެކި މައްސަލަތަކުގައި ކުދިންނަށް ކުރާ އަސަރު އެހެން މީހުންނަށް ކުރާ އަސަރަށްވުރެ ބޮޑުކަމަށެވެ.
ބަދަހި މުޖުތަމަޢެއްގެ ބިންގަލަކީ ހަރުދަނާ ބަދަހި ޢާއިލާއަކަށްވާއިރު ޢާއިލީ މައްސަލަތަކުގައި ލިބޭ ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އަދި ޢާއިލާތަކަށް މައްސަލަތައް ދިމާވާއިރު އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކެއް ތިބެންޖެހޭކަން ވަޒީރު ޤީލާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ފެމިލީ މީޑިއޭޓަރުން މެދުވެރިކޮށް ޢާއިލާތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ފެށިގެންދާ މަސައްކަތަކީ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢާއިލީ މައްސަލަތަކުގައި ނާޒުކު ޙާލަތްތައް ކުރިމަތިވަނީ ވަރިވާ ހިސާބަކުން ނޫން. ކުދިންގެ ކުރިއެރުމަށް ގޮންޖެހުން ކުރިމަތިވެދާނެ އެތައް ޙާލަތްތަކެއް ކުރިމަތިވޭ ޢާއިލާތަކުގެ ތެރެއިން. އެހެންކަމުން މިކަންކަމުގައި އެހީތެރިވެދޭނެ ތަމްރީނު ލިބިފައިވާ މީޑިއޭޓަރުން ތިބުން މުހިއްމު." ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ތެރެއިންވަނީ ނެޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާއި ގުޅޭގޮތުން ކުރެވުނު ދިރާސާ ރިޕޯޓު ޢާއްމުކުރައްވާފައެވެ. މިރިޕޯޓުން ދައްކާގޮތުގައި ދެމަފިރިން ވަކިވުމުގެ ސަބަބުން އެންމެ ބޮޑަށް ނިކަމެތިވެ އޭގެ އަސަރެއް ކުރަނީ ކުދިންނަށެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ގޯސްވެ މުޢާމަލާތުނުކުރެވޭ ހިސާބަށް މައްސަލަތައް ގޯސްވާ ޙާލަތަށް ދިޔުމުގެ ކުރިން މީޑިއޭޓަރުންގެ އެހީތެރިކަން ބޭނުންވާ އެތައް ޙާލަތެއް ކުރިމަތިވާއިރު އެޚިދުމަތްދެވޭނެ މަގެއް ރާއްޖޭގައި ނެތެވެ. މާލެ ފިޔަވައި ރާއްޖޭގެ އެއްވެސް މެޖިސްޓްރޭޓް ކޯޓެއްގައި މިޚިދުމަތް ލިބެން ނެތްކަމުން އެކަން ކަށަވަރުކުރުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ.
ޖުލައި މަހުގެ ތެރޭގައި މީޑިއޭޓަރުން ތަމްރީންކުރާ، ޓްރެއިނަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ކޯޓުތަކުގައި މަސައްކަތްކުރައްވާ އެކި ފަރާތްތައް ހިމެނެއެވެ. މިފަރާތްތައް ތަމްރީންވުމުން، ދެން ފަށާނީ ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގައި ތިބޭނެ މީޑިއޭޓަރުން ތަމްރީންކުރުމަށެވެ. މިއާއެކު ޢާއިލީ މައްސަލަތަކުގައި، ޚާއްސަކޮށް ވަރިއާއި ގުޅުންހުރި ކަންކަމުގައި ވަރިއާއި ހިސާބަށް ދިޔުމުގެ ކުރިން މައްސަލަތައް ހައްލުކޮށްދީ ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޢާއިލާތަކަށް އެހީތެރިކަން ލިބޭނެއެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ޢާއިލާއާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ