ހުޅުމާލޭގެ ތަރައްޤީއާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގުން ހަރުދަނާކުރުމަށާއި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި، މުވައްޒަފުންނަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”ސަންގަަށް“ މައުލޫމާތު ލިބިފަވާ ގޮތުގައި އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓުން 18 ޖޫން 2026 ގައި މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައިވާ ގޮތުން، މި ބަދަލަކީ ކުންފުނީގެ ގަވަރނަންސް ވަރުގަދަކޮށް، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، މާލީ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކުންފުނީގެ ހަރަދުތައް ކުޑަކުރުމަކީ ވެސް މި ބަދަލުގެ މައިގަނޑު މަގްސަދެކެވެ.
މި އިސްލާހީ ބަދަލުތަކުގެ ދަށުން އެޗްޑީސީގެ ބޯޑުން ވަނީ ކުންފުނީގެ އައު އޮނިގަނޑު ފާސްކޮށް، ’ރިޓަޔަރމަންޓް ޕޮލިސީ‘ އާއި ’ރިޑަންޑަންސީ ޕޮލިސީ’އަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ގޮތެއް ވަނީ ހުޅުވާލާފައެވެ. އެއީ:
ވޮލެންޓަރީ ރިޑަންޑަންސީ: މި ފުރުސަތުގެ ދަށުން ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ސެވަރެންސް ޕެކޭޖެއް (މާލީ އިނާޔަތް) ލިބޭނެއެވެ.
ވޮލެންޓަރީ ރިޓަޔަރމަންޓް: އަމިއްލައަށް ރިޓަޔަރވާން އެދޭ މުވައްޒަފުންނަށް، އެ މީހަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އަދާކުރި މަގާމަށް ބަލައި، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔަރ ކުރެވޭނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، މުވައްޒަފުންނަށް އެންމެ ފައިދާހުރި ގޮތަށް މިކަން އިންތިޒާމުކުރެވޭނެ ކަމަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ސައިޒު ކުޑަކޮށް، ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ މިފަދަ ޕްރޮގްރާމެއް ފަށާފައެވެ. ފެނަކައިން ހުޅުވާލި 4 މަސްދުވަހުގެ މުސާރަ ލިބޭ ޕެކޭޖަށް މިހާތަނަށް 97 މުވައްޒަފަކު ވަނީ ކުރިމަތިލާފައެވެ.
އެޗްޑީސީގެ އޮނިގަނޑު ބަދަލުކުރަން ނިންމައި، މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ