ފެނަކައިގެ ވަޒީފާއިން 97 މުވައްޒަފުން ވަކިވާން އެދުނު

އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމަށް ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިން ފުރުސަތުގައި، އެކަމަށް އެދި 97 މުވައްޒަފުން ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މުވައްޒަފުން މަދުކުރުމަށް ފެނަކައިން ފަށާފައިވާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލީ ޖޫން 14ގެ ނިޔަލަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުންގެ ފަރާތުން އެކަމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނުކަމަށެވެ. އޭނާ ވިދާޅުވީ ވަޒީފާއިން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން، ވަޒީފާއިން ވަކިކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށެވެ.
ފެނަކައިން މުވައްޒަފުން މަދުކުރަމުން ދަނީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ. އެގޮތުން، ފެނަކައިން ވަނީ ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، އެ ރަށްރަށުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިބިކަން ފާހަގަކުރައްވާފައެވެ.
މި އުސޫލުން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެޗްޑީސީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައި ވާގޮތުން، މުވައްޒަފުން މަދުކުރަން އެ ކުންފުނިން ނިންމީ، ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، އަމިއްލަ އަށް ވަޒީފާ އިން ވަކިވާން އެދޭ މުވައްޒަފުންގެ ޝަރުތުތަކާއި އެކަމަށް ކަނޑައަޅާ ސުންގަޑި ފަހުން ހާމަކުރާނެ ކަމަށް އެޗްޑީސީންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ