ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ހާލަތުގައި ކުރިއަށްދާނަމަ މި އަހަރުގެ ތެރޭގައި ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް އުފުލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިވަގުތު ޑޮލަރު ރޭޓު ހުރީ 20.50ރ. ގަ އެވެ. މިއީ މިހާތަނަށް އެންމެ ބޮޑަށް ޑޮލަރުގެ އަގު އުފުލުނު ފަހަރެވެ. އަގު މިވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވުމަށް ފަހު އެވެ. ޑޮލަރު ރޭޓު އުފުލެމުން އަންނަނީ ފަތުރުވެރިކަން ދަށްވުމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވަނީ ތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށް ބުނެ ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާން ޖެހޭ ގައުމަކަށް ވާއިރު ތަކެތީގެ އަގުތައް ނުއުފުލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހެން އޮވެގެން ދާ ކަމަށްވަންޏާ މި އަހަރު ނިމޭއިރު 21ރ. ނޫނީ އެއަށްވުރެ މައްޗަށް ހިނގައިދާނެ ކަމަށް މި ބުނަނީ. މިހެން ކަންކަން ހުރިއިރު ސަރުކާރުގެ ވެރިން މި ބުނަނީ ތަކެތީގެ އަގުތައް ބޮޑެއް ނުވެޔޭ. އެ ބޭފުޅުން އަޅުގަނޑުމެންނަށް ވިސްނޭ ވަރަކަށް ވިދާޅުވެ ބައްލަވާ ހުރިހާ ތަކެއްޗެއް މި ގަންނަނީ ބޭރުން، ޑޮލަރު އަގު ދިވެހި ރުފިޔާގެ ނިސްބަތުން އެހާ ބޮޑު، ދެން ކިހިނެއްހޭ ތަކެތީގެ އަގު ބޮޑުނުވެ ހުންނާނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ކެޕިޓަލް ހަރަދުކުރަން ޖެހޭ އެއްވެސް މަޝްރޫއުއެއް ރާއްޖޭގައި ނުހިނގާ ކަމަށާއި ރަށްރަށުގެ ތަރައްގީ ވެސް ހުއްޓީފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ޑޮލަރު އާމްދަނީން ސަރުކާރުން ކުރަމުން އަންނަނީ ދަރަނި ދެއްކުން ފަދަ ޒަރޫރީ ކަންކަން އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހާރަކު ނެތޭ ކެޕިޓަލް އިންވެސްޓްމަންޓު ޕްރޮޖެކްޓެއް. ފިނޭންސަށް އެކި ގޮތްގޮތުން ލިބޭ ހުރިހާ ޑޮލަރެއް އެ ބޭނުންކުރަނީ މިހާރު ހަމައެކަނި ގައި ހިރުވާތީ އެކަމަށް ބޭސް އަޅާލަން. ކޮބައިތޯ މިކަމުގައި ވިޝަންއެއް. ރާއްޖޭގައި ހިންގާ ކޮންމެ ބޮޑު މަޝްރޫއުއެއް، 95 ޕަސެންޓަކީ ބޭރު ފައިސާ ބޭނުންވާ މަޝްރޫއު،" ޔާމީން ވިދާޅުވި އެވެ.
ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގަ އެވެ.
މި އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް ހިނގައިދާނެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ