ރޯދަ ހަދިޔާގެ މަސްދަޅުކޭސް، ކުއްޔަށް އުޅޭ ފަރާތަށް ނުލިބޭގޮތަށް ގޭގެ ވެރިފަރާތުން އަތުލާ މައްސަލަ

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބަހަމުންދާ ރޯދަ ހަދިޔާ މަސްދަޅުކޭސް، ކުއްޔަށް އުޅޭ ފަރާތްތަކަށް ނުލިބޭ ގޮތަށް ގޭގެ ވެރިފަރާތުން ނަގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމުގެ ޝަކުވާ ކުރަމުންދާ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ގޭގައި ކުލި ދައްކައިގެން އަދި ކަރަންޓާއި ފެން ބިލަށް ފައިސާ ދައްކައިގެން އުޅޭއިރުވެސް، އެ ގޭބިސީއަށް ކަނޑައަޅާފައިވާ މަސްދަޅުކޭސް ގޭގެ ވެރިފަރާތުން ނަގަނީއެވެ.
އެގޮތުންމި މައްސަލަ ދިމާވި މީހަކު ކަންބޮޑުވުން ފާޅުކުރަމުން ބުނީ، ރަށުންވެސް މަސްދަޅުކޭސް ނުލިބޭ ކަމަށާއި، މާލޭގައި އުޅޭތީ ކުނި ފީއާއި ކަރަންޓު ބިލަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.
"ނަންބަރު ނަގަން އުޅޭއިރު ބުނަނީ ނަގައިފިއޭ. މިއީ އެއްވެސް އިންސާފެއް ނޫން. 2000 ނުވަތަ 3000 ރުފިޔާ ކަރަންޓް ބިލަށް އަރާއިރު، އެ ބިލް ދައްކާ މީހާއަށް ހަދިޔާ ނުލިބުމަކީ ބޮޑު ދެރައެއް،" އޭނާ ކިޔައިދިނެވެ.
އެހެން މީހަކު ބުނި ގޮތުގައި، އޭނާގެ މަސްދަޅުކޭސްވެސް ގޭގެ ވެރިފަރާތުން ވަނީ އަތުލާފައެވެ.
 "ކުލި މަދީ ކަންނޭނގެ މަސްދަޅުކޭސް ކަޓުވާލައިގެން އުޅެނީ،" އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
ސަރުކާރުން ރޯދަ ހަދިޔާ ދޫކުރުމުގެ އުސޫލުތަކުގައިވާގޮތުން، ރޯދަ ހަދިޔާގެ ޓޯކަން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުންނެވެ. ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް އައިޑީކާޑު ބޭނުންކޮށްގެންނެވެ. އެކަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ދެ ގޭބިސީގެ ކަރަންޓް ބިލެވެ. 
މަސްދަޅުކޭސް ބަލައިދިޔުމުން އެ ދޭނީ، ޓޯކަން ރަޖިސްޓްރީ ކުރި ފަރާތަށެވެ. ބަލައި އަންނައިރު އައިޑީކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި 2025 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ކަރަންޓް ބިލުގެ ކޮޕީއެއް (ފޮޓޯ ނުވަތަ އީ-ކޮޕީ) ގެންދަން ޖެހެސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ