ޓޫރިސްޓުންގެ ވިސާ މުއްދަތު އިތުރުކުރުން ފަސޭހަކޮށްދީފި

ޓޫރިސްޓުންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިއްޔެއިން ފެށިގެން ފަސޭހަކޮށްދީފައިވާ ކަމަށް، އިމިގްރޭޝަނުން ބުނެފި އެވެ.
ތަފްސީލް - އެތަނުން ބުނިގޮތުގައި 'މޯލްޑިވްސް 2.0'ގެ ދަށުން، ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ލުއި ފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށް ބައެއް އުސޫލުތައް މިހާރު ވަނީ ހަރުދަނާކޮށްފަ އެވެ.
އާ އުސޫލުގެ ދަށުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި:
އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހުރި މައުލޫމާތުތައް ވިސާއަށް އެދޭއިރު އަލުން ފުރަން ނުޖެހުން
ޕާސްޕޯޓުގެ މައުލޫމާތާއި ޓޫރިސްޓު މީހާ ހުންނަ ތަންތަނުގެ ރެކޯޑުތައް ފަދަ މުހިއްމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރޭނެ. އެހެންވެ، ވިސާއަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށް ވުރެ އަވަސް ވެފައި ފަސޭހަވާނެ
ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޓޫރިސްޓުންނަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތަށް އެދި ހުށަހެޅޭނެ
 ޕާސްޕޯޓުގެ ނަމްބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފްހާ އަޕްލޯޑުކުރުމުން އެ މީހެއްގެ މައުލޫމާތު ސިސްޓަމުން ހޯދައިދޭނެ
މި ހިދުމަތް ހޯދުމަށް، އިމިގްރޭޝަނުން ބުނިގޮތުގައި، ފާއިތުވި އެއް އަހަރުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ އެވެ.
އޭގެ އިތުރުން ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި:
ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައި
 އެއީ ޕާސްޕޯޓު އާކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާއި މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގައި
އަދި ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެ
އެތަނުން ބުނީ ވިސާގެ ކަންކަމަށް ހޭދަވާ ވަގުތު ވެސް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ވިސާގެ މުއްދަތު އިތުރު ކުރުމުގެ ހިދުމަތަށް މިހާރު ހޭދަވާނީ 48 ގަޑިއިރު ކަމަށް ބުންޏެވެ.
މި ބަދަލުތައް އިމިގްރޭޝަނުން ސިފަކުރީ، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ